MTCC

އައްޑޫގައި ބެހެއްޓި ފޮށިތަކުން ޕީއެންސީ ކުރި ހޯދުމަކީ ބޮޑު ކާމިޔާބީއެއް: މަޖިލީހުގެ ރައީސް

383253_3_1cc5f7acd608e589d0e9f4a60dd22cc04da94fad_large-1024x661

އައްޑޫގައި ބެހެއްޓި ފޮށިތަކުން ޕީއެންސީ ކުރި ހޯދުމަކީ ބޮޑު ކާމިޔާބީއެއް: މަޖިލީހުގެ ރައީސް

SHARE

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި، އައްޑޫގައި ބެހެއްޓުނު ވޯޓު ފޮށިތަކުން ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، މިއަދު ބޭއްވުނު އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވީ އަހުމަދު ސަޢީދެވެ. އަބްދުއްރަޙީމްގެ ޕޯސްޓުގައި، އިންތިޚާބުގައި ޕީއެންސީގެ ކެނޑިޑޭޓަށް ވޯޓު ދެއްވި ހިތަދޫ އުތުރު ދާއިރާގެ ހުރިހާ ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި ކެނޑިޑޭޓް އަޙްމަދު ސަޢީދު ކުރެއްވި ބުރަ މަސައްކަތަށާއި ދެއްކެވި ހިތްވަރަށް ސާބަސް ދެއްވަމުން، ކެމްޕެއިން ޓީމުން ކުރި ބުރަ މަސައްކަތަށް ނުހަނު ބޮޑަށް ތަޢުރީފު ކުރެއްވިއެވެ.

މަޖިލީހުގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިދިކޮޅު ފަރާތްތަކުގެ ނުފޫޒު ގަދަ އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ސަރުކާރުގެ ކެނޑިޑޭޓަށް ކުރި ލިބުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ އިތުބާރު ހާމަވާ ކަމެކެވެ.

"މިއަދުގެ ނަތީޖާއިން ހިތްވަރު ލިބިގެން 2028 ވަނަ އަހަރަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާ އެކު މިތިބީ އަމާޒު ހިފައިގެން ގަދަކޮށް،" އަބްދުއްރަޙީމް ވިދާޅުވިއެވެ.

މި އިންތިޚާބަކީ އައްޑޫ ސިޓީގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށްޓަކައި ސިޔާސީ ދާއިރާގެ ގިނަ ބަޔަކު ފާރަވެރިވަމުންދިޔަ އިންތިޚާބެކެވެ. ރައީސް މުއިއްޒުގެ ސަރުކާރުން އައްޑޫއަށް ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރާއެކު، އެ ސިޓީގައި ޕީއެންސީގެ ތާއީދު އިތުރުވަމުންދާކަން މި ނަތީޖާއިން ހާމަވާ ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.