ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، އިތުބާރު ހިފޭ ތަކެއްޗަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސައްކަތްކުރުން މުހިއްމު ކަމަށެވެ. އަދި މިފަދަ ގިނަ ބަލިތަކަކީ ދިރާސީ މައުލޫމާތުގެ އަލީގައި، އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ ރައްކާތެރިވެވޭނެ ބަލިތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ނައްތާލުމާއި، އާންމު ބަލިތަކުން އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިއްމުކަން ހަނދާނަށް ގެންނަންޖެހޭކަމަށެވެ. އެގޮތުން ކަބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ގިނަ ބަލިތަކަކީ، ހަރުދަނާ ނިޒާމެއްގެ ތެރެއިން، ދިރާސީ މަޢުލޫމާތުގެ އަލީގައި، މުޖުތަމަޢުގެ ހުރިހާ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިވެވޭނެ ބަލިތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނެއް އެކުލަވާލުމާއި، ރާއްޖެއަށް އެތެރެކުރާ ތަކެތި ޓެސްޓުކޮށް މޮނީޓަރ ކުރެވޭނެ އިންތިޒާމުތައް ވަރުގަދަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. މީގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުންނަށް ލިބޭ ކާބޯތަކެއްޗަކީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭ ތަކެތިކަން ޔަގީންކުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ފަލަސްތީނުގެ ޣައްޒާގައި ރައްކާތެރި ކާބޯތަކެތިން މަހުރޫމްވެ، ތަގައްޔަރުވެފައިވާ ފެން ބޭނުންކުރަން ޖެހިފައިވާ އިންސާނީ ކާރިސާއާ މެދު ރައީސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިފަދަ ހިތްދަތި ހާލަތްތަކަށް ހައްލެއް ހޯދުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ހަރުދަނާ މިންގަނޑުތަކާއި ބަދަހި ގުޅުންތަކުގެ އެހީގައި، ދުނިޔޭގެ ހުރިހާ އެންމެނަށްވެސް ރައްކާތެރި މުސްތަގަބަލެއް ޔަގީންކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރައްވަމުންނެވެ.