ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ހަފުތާއަކު އެއް ފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ރައީސް ޔާމީން ދާދިފަހުން ރޭޓިންއާ ގުޅޭގޮތުން ކުރެއްވި ސިފަކުރެއްވުމަށް ތަރުޖަމާނު ވަނީ ރައްދު ދެއްވާފައެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ، ފިޗުން ރާއްޖޭގެ ރޭޓިން މަތިކުރުމަކީ އުންމީދު ކަނޑާލާފައި އޮތް ބަލިމީހަކު ލޮލުގެ ބޮނޑި ތަޅުވައިލުން ފަދަ ކަމެއް ކަމަށެވެ.
މިކަމަށް ރައްދުދެއްވަމުން މުންދު ވިދާޅުވީ، މި ސަރުކާރުން އެއްވެސް އިރެއްގައި ރާއްޖޭގެ އިޤްތިޞާދާ މެދު އުންމީދު ކަނޑައިނުލާ ކަމަށެވެ. އަދި ގައުމު އޮތް ހާލަތަށް ބަލާއިރު، "ލޮލުގެ ބޮނޑި ތަޅުވައިލުމަކީވެސް" ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"ބޮނޑި ތަޅުވައިލުން އެއީ ކުރިއެރުމެކޭ. ބޮނޑި ތަޅުވައިލުން އިނގިލި ތަޅުވައިލުމަށް ބަދަލުވެ މަޑުމަޑުން މީހާގެ ހާލަތު ރަނގަޅުވެ، ތެދުވެގެން ޑިސްޗާޖުވެގެން އަނބުރާ ގެއަށްދާ ދުވަހަކުން ވަރަށް އުފާވާނެ، އެއީ އަޅުގަނޑުމެން ހަވާއަރުވާނެ ދުވަހަކީ،" މުންދު ވިދާޅުވިއެވެ.
ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރަށް ވާރުތަވީ އިޤްތިސާދު އޮތީ ކާމިޔާބީތައް ފާހަގަކުރަން ހަވާ އަރުވާލެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. ނަމަވެސް، ފިޗުގެ ރޭޓިންއަށް އައި ބަދަލަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިން ރާއްޖޭގެ މާލީ ހާލަތާ މެދު ކުރާ އިތުބާރު ބޮޑުވަމުންދާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބައެއް ބޭފުޅުން ކުރައްވާ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި މުންދު ވިދާޅުވީ، ބައެއް ބޭފުޅުން ތިއްބެވީ ރާއްޖެ ބަނގުރޫޓުވޭތޯ ދުއާކޮށް ނަދުރުބުނެގެން ހެން ހީވާ ކަމަށެވެ. އަދި އަބަދުވެސް ޖެހިގެން އަންނަ ހަފުތާގައި ރާއްޖެ ބަނގުރޫޓުވާނެ ކަމުގެ ބިރުވެރި "ނެރޭޓިވް" އެއް ބަޔަކު އުފައްދަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ރާއްޖެ ބަނގުރޫޓުވެއްޖެއްޔާ ގެއްލުންވަނީ އަޅުގަނޑު ހިތަށްއަރާ މިއަދުގެ ސަރުކާރަށް އެކަނި ބާވައޭ އަދި ވެރިކަމަށް ވަޑައިގަންނަވަން ކެތް މަދުވެފައި ތިއްބަވާ ބޭފުޅުން ދެން ހަވާލުވާނީ ކޯއްޗަކާބާއޭ އެފަދަ ހާލަތެއް ދިމާވެއްޖެއްޔާ؟،" މުންދު ވިދާޅުވިއެވެ.
ސަރުކާރުގެ މާލީ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ތަރުޖަމާނު ވިދާޅުވީ، ސަރުކާރުން މިހާތަނަށް ބިލިއަނެއްހައި ޑޮލަރުގެ ދަރަނި ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. އަދި ފާއިތުވި އަހަރަކީ 2021 ވަނަ އަހަރަށްފަހު ސަޕްލިމެންޓްރީ ބަޖެޓެއް ނުލައި، ފާސްކުރި ބަޖެޓުގެ ތެރޭގައި ހަރަދުތައް ހިފެހެއްޓި ފުރަތަމަ އަހަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ހަރަދު ކުރާނެ ކަމަށް ލަފާކުރި 49.2 ބިލިއަން ރުފިޔާގެ ބަދަލުގައި ހަރަދުވެފައިވަނީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ އަންދާޒާކުރި ވަރަށްވުރެ 5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.
އެންމެ ބޮޑު ކާމިޔާބީއަކީ މި އަދަދުތައް ދިމާވުން. ވަރަށް ގިނަ އަހަރުތަކަށް ފަހު އަޅުގަނޑުމެން ރާއްޖޭގަ އަންދާޒާ ކުރި އަދަދަށް ނުވަތަ އަދަދާ ކައިރިއަށް އަޅުގަނޑުމެންނަށް ލިބުނު އާމްދަނީ ހިފެހެއްޓުން، ދިމާވުން، ހަމަ އެގޮޮތަށް އަޅުގަނޑުމެންގެ ހަރަދުތައްވެސް ވަރަށް ބޮޑަށް ހިފަހައްޓައިގެން ވަރަށް ގިނަ ގޮތްގޮތުން ހިފަހައްޓައިގެން އެ ހަރަދުތައްވެސް ބަޖެޓާ އެއްވަރަށް މެނޭޖްކުރެވުން" މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ރައްޔިތުންގެ މެދުގައި މަގުބޫލު ފިޔަވަޅުތަކަކަށް ނުވި ނަމަވެސް، އެއީ ގައުމުގެ މުސްތަގްބަލަށްޓަކައި އަޅަންޖެހޭ ޒިންމާދާރު ފިޔަވަޅުތަކެއް ކަމަށެވެ. ރޭޓިން އިތުރަށް ރަނގަޅުވެ، ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ހަގީގީ މަންފާ ކުރަން ފެށުމުން، ކާމިޔާބީ ފާހަގަކުރަން ހަވާވެސް އަރުވާނެ ކަމަށް ވިދާޅުވެ މުންދު ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.