MTCC

ކްރެޑިޓް ރޭޓިން ދަށްވީ ކުރީ ސަރުކާރުން ދަރަނި މެނޭޖުކުރި ޣައިރު ޒިންމާދާރު ގޮތުން: މުންދު

large_thumb_1780746714220

ކްރެޑިޓް ރޭޓިން ދަށްވީ ކުރީ ސަރުކާރުން ދަރަނި މެނޭޖުކުރި ޣައިރު ޒިންމާދާރު ގޮތުން: މުންދު

SHARE

ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމަށް ބައިނަލްއަގުވާމީ އެޖެންސީތަކުން ނިންމި ނިންމުމަކީ ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ކުރަންޖެހުނު ހަރަދުތަކުގެ ސަބަބުން ނިންމި ނިންމުމެއް ނޫން ކަމަށާއި، އެއީ ނެގި ދަރަނިތައް ބޭނުންކުރުމުގައި ގެންގުޅުނު ޣައިރު ޒިންމާދާރު ސިޔާސަތުތަކުގެ ނަތީޖާ ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ކޮވިޑުގެ ދަތި އުނދަގޫ ދުވަސްވަރު ރާއްޖެއަށް ބޭރުގެ ގައުމުތަކުންނާއި ޖަމިއްޔާތަކުން ގިނަ އަދަދެއްގެ ހިލޭ އެހީއާއި ލުއި ލޯނު ލިބުނު ކަމަށެވެ. ނަމަވެސް އެ ދުވަސްވަރު ނެގި ބޮޑެތި ދަރަނިތަކުގެ ތެރެއިން ކޮވިޑާ ގުޅުންހުރި ކަންކަމަށް ހަރަދުކޮށްފައިވަނީ ވަރަށް ކުޑަ މިންވަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދަށްވި ދަށްވުމަކީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ދަށްވި ކަމެއް ނޫން. އެއީ އަޅުގަނޑުމެން ހަވާލުވިއިރު ދަރަނި އޮތް މިންވަރު، ދަރަނި އަދާކުރަން އަޅަންޖެހުނު ފިޔަވަޅުތަކާއި އެފިޔަވަޅުތަކުގެ ބޮޑުކަން އަދި ދަރަނި ނަގާފައި އޮތް ގޮތްވެސް މުހިއްމުވޭ. ދަރަނި އެކަށައެޅިފައިހުރި ވަގުތުތައްވެސް ވަރަށް މުހިއްމު. ވަރަށް ގިނަ ދަރަނިތައް ދައްކަން ހުރީ ފައްތަރުވާ ގޮތަށް،" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވި ގޮތުގައި، 2019 ވަނަ އަހަރު އިންޑިއާއިން ނެގި 200 މިލިއަން ޑޮލަރާއި، ސުކޫކު ވިއްކައިގެން ހޯދި 500 މިލިއަން ޑޮލަރުގެ އިތުރުން، ކުރީ ސަރުކާރުގެ ދައުރު ނިމެން ކައިރިވެފައިވަނިކޮށް ނެގި ދަރަނިތަކާއި ޗާޕުކުރި ފައިސާއިން އިގުތިސާދަށް ކުރި ފައިދާއެއް ފެންނާން ނެތެވެ.

ރާއްޖޭގެ ރޭޓިން ދަށްވުމުގައި ދަރަނިތައް ދައްކަންޖެހޭ މުއްދަތުތައް ތަރުތީބުވެފައި ހުރި ގޮތް ނުވަތަ 'ޑެޓް ޕްރޮފައިލް' އޮތް ގޮތް ބޮޑު ދައުރެއް އަދާކުރިކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ގިނަ ދަރަނިތަކެއް އެއްފަހަރާ ދައްކަންޖެހޭ ގޮތަށް (ބަންޗްވެފައި) ހުރުމަކީ އިގުތިސާދަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

2026 ވަނަ އަހަރުގައި ދަރަނި އަދާކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ގޮތަށް ފާހަގަކުރެއްވުނު ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ ފައްތަރުވާ ގޮތަށް ދަރަނި ދެއްކުމުގެ މުހުލަތުތައް ތާވަލުވެފައި ހުރުންކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ އެކަމުގެ ސަބަބުން ސަރުކާރަށް ޖެހުނީ ގައުމުތަކާ ވާހަކަދައްކައިގެން ދަރަނި އަދާކުރުން ފަސްކުރަން ކަމަށެވެ. އެކަމުގައި ކާމިޔާބުތައް ހާސިލުކޮށް ފަސްނުކުރެވުނު ދަރަނިތައް އަދާކޮށް ނިންމައިލެވުނު ކަމަށް ވިދާޅުވިއެވެ.

ނިމިދިޔަ ހަފުތާގައި ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ރޭޓިންއަށް ގެނައި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ހަގީގީ ކާމިޔާބީއަކީ އިތުރު ބަޖެޓެއް (ސަޕްލިމަންޓްރީ ބަޖެޓެއް) ހުށަހަޅަން ނުޖެހި، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމާއި އާމްދަނީ އިތުރުކުރެވުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދަރަނި މެނޭޖުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.