އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން (ޑަބްލިއުޑީސީ) އިން މެލޭޝިއާ އާއި ސިންގަޕޫރަށް ކުރި ތަޖުރިބާ ދަތުރުތަކުގައި، ދައުލަތުގެ މާލީ އުސޫލުތަކާ ހިލާފަށް 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން ދާދިފަހުން ނެރުނު އައްޑޫ ސިޓީ ކައުންސިލްގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މި ހަރަދުތަކަކީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އިގްތިސާދު ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ސިޓީތަކާއި އިދާރީ ހިންގުމާ ބެހޭ ވުޒާރާއިން ނެރެފައިވާ ސާކިއުލާތަކާ ހިލާފަށް ކޮށްފައިވާ ހަރަދުތަކެކެވެ.
ނޮވެމްބަރު 2023 ގައި ކައުންސިލްގެ އަށް މެންބަރުންނާއި ދެ މުވައްޒަފުން މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި އަށް ދުވަހުގެ ދަތުރަށް 515,101 ރުފިޔާ ހޭދަކޮށްފައިވެއެވެ. އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ދަތުރުގެ ހަރަދުތައް ހަމަޖައްސާނެ އެހެން ގޮތްތަކެއް ބެލުމެއް ނެތި ކައުންސިލްގެ ބަޖެޓުން ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ. އަދި މި ދަތުރުގައި ބައިވެރިވި 'ކްރިއޭޓިވް ތިންކިން' ތަމްރީނަކީ ދަތުރުގެ މަގުސަދާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، މި ތަމްރީނަށް އެކަނިވެސް 65,381 ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
ފެބްރުއަރީ 2024 ގައި ޑަބްލިއުޑީސީގެ ނުވަ މެންބަރުންނާއި، ކައުންސިލް މެންބަރަކާއި ސެކްރެޓަރީ ޖެނެރަލް ކުރި ދަތުރަށް 685,509 ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ދަތުރުގައި ބައިވެރިވި ކައުންސިލް މެންބަރާއި ސެކްރެޓަރީ ޖެނެރަލް އަކީ އޭގެ ތިން މަސް ކުރިން ކުރި ދަތުރުގައިވެސް ބައިވެރިވި ދެ ފަރާތެވެ. އެ ދެ ބޭފުޅުން ތަމްރީނުގައި ބައިވެރިނުވި ނަމަވެސް، އެ ބޭފުޅުންގެ ޓިކެޓާއި ހުރުމަށް 116,286 ރުފިޔާ ހޭދަކޮށްފައިވެއެވެ.
މީގެ އިތުރުން، މި ދަތުރުގައި ޒިޔާރަތްކުރި ސިންގަޕޫރުގެ ގާޑަންތަކާއި ގެލެރީތަކުން ކޮމިޓީގެ މަސްއޫލިއްޔަތާ ގުޅޭ ތަޖުރިބާއެއް ލިބުނުކަން އެނގެން ނެތް ކަމަށާއި، ދަތުރުން ހާސިލުވި ކަންކަމުގެ ތަފްސީލު ލިޔުމުން ބަލަހައްޓާފައި ނުވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަތަކާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ މާލީ ސާކިއުލާތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ނީޑް އެސެސްމެންޓެއްގެ ދަށުން ތަމްރީނުތައް ކުރިއަށް ގެންދިއުމަށް އިރުޝާދު ދީފައެވެ. އަދި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުތަކާ އެއްގޮތަށް ކައުންސިލްތަކުގެ ހަރަދުތައް ބައްޓަންކުރުމަށްވެސް އޮޑިޓް ރިޕޯޓުގައި ބާރުއަޅާފައިވެއެވެ.