MTCC

އިއުލާނުކުރުމަކާ ނުލައި އައްޑޫން 1.6 ލައްކަ އަކަފޫޓަށްވުރެ ބޮޑު ބިން އިތުރުކޮށްދިން: އޮޑިޓް

92C0BD5D-1458-4916-A005-5A4F6CD2CAFA

އިއުލާނުކުރުމަކާ ނުލައި އައްޑޫން 1.6 ލައްކަ އަކަފޫޓަށްވުރެ ބޮޑު ބިން އިތުރުކޮށްދިން: އޮޑިޓް

SHARE

އައްޑޫ ސިޓީގެ އެކި އަވަށްތަކުން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން، އާންމުކޮށް އިޢުލާނުކުރުމަކާ ނުލައި 166,340 އަކަފޫޓުގެ ބިން އެކި ފަރާތްތަކަށް އިތުރުކޮށްދީފައިވާ ބޮޑު މައްސަލައެއް އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2021 އަދި 2022 ވަނަ އަހަރު އައްޑޫ ސިޓީގެ ތިން ރަށަކުން ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ 11 ބިމަކަށް ވަނީ އުސޫލުތަކާ ހިލާފަށް ބިން އިތުރުކޮށްދީފައެވެ. އެންމެ ފުރަތަމަ މި ބިންތަކުގެ ގޮތުގައި ދޫކޮށްފައިވަނީ ޖުމުލަ 52,000 އަކަފޫޓުގެ ބިމެވެ. ނަމަވެސް، ފަހުން ވަނީ އެއްވެސް އާންމު އިއުލާނެއް ކުރުމަކާ ނުލައި 166,340 އަކަފޫޓު އިތުރުކޮށްދީ، މުޅި ޖުމުލަ ބިމުގެ ބޮޑުމިން 218,240 އަކަފޫޓަށް ބޮޑުކޮށްދީފައެވެ. މީގެ އިތުރުން 5,000 އަކަފޫޓުގެ މުޅިން އާ ޕްލޮޓެއްވެސް މި އުސޫލުގެ ތެރެއިން ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، ސ. ފޭދޫ އަދި ސ. މީދޫގެ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ 8 ބިމެއްގެ ހެޑް ލީޒް އަދި ޑިވެލޮޕްކުރުމުގެ ހައްގުތައް އެހެން ކުންފުނިތަކަކަށް ބަދަލުކޮށްފައިވަނީ ބިމުގެ ސައިޒަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުގައެވެ.

ފޭދޫގައި ކުރިން ދޫކޮށްފައިވާ 29,000 އަކަފޫޓުގެ 5 ބިމަކަށް 134,945 އަކަފޫޓު އިތުރުކޮށް، ޖުމުލަ 163,945 އަކަފޫޓަށް ވަނީ ބޮޑުކޮށްފައެވެ. މީގެ ތެރޭގައި ކުރިން ދޫކޮށްފައިނުވާ 5,000 އަކަފޫޓުގެ އާ ޕްލޮޓެއްވެސް ހިމެނެއެވެ. ހަމައެފަދައިން، މީދޫގައި ކުރިން ދޫކޮށްފައިވާ 17,000 އަކަފޫޓުގެ 3 ބިމަށް 27,595 އަކަފޫޓު އިތުރުކޮށް، ޖުމުލަ 44,595 އަކަފޫޓަށް ވަނީ ބޮޑުކޮށްދީފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ކަންބޮޑުވާ އެއް ކަމަކީ، މި ބިންތަކުގެ ހެޑް ލީޒް ބަދަލުކުރިއިރު ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރި މައްސަލައެވެ. އެގޮތުން ފޭދޫގެ ބިންތަކުން 244,481 ރުފިޔާ އަދި މީދޫގެ ބިންތަކުން 194,816 ރުފިޔާއާއެކު، ޖުމުލަ 439,297 ރުފިޔާ ދައުލަތަށް ނުލިބި ވަނިކޮށް، އެ ފައިސާ ހޯދުމަކާ ނުލައި ވަނީ ހެޑް ލީޒް ބަދަލުކޮށްދީފައެވެ.

މީގެ އިތުރުން ހިތަދޫން ދޫކޮށްފައިވާ ދެ ބިމަކަށްވެސް ވަނީ އިއުލާނުކުރުމަކާ ނުލައި 3,800 އަކަފޫޓު އިތުރުކޮށްދީފައެވެ. މިއީ ޕޫލެއް ހެދުމަށާއި، އިމާރާތުގެ ފަންގިފިލާ މަދުކުރުމުގެ ބަދަލެއްގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް މައުލޫމާތު ލިބެއެވެ.

އޮޑިޓް އޮފީހުން ބުނެފައިވަނީ، އައްޑޫ ސިޓީ ކައުންސިލުން މިކަމުގައި އަމަލުކޮށްފައިވާ ގޮތުން، ޓޫރިޒަމް ބޭނުމަށް ބިން ހޯދަން ބޭނުންވާ އެހެން ފަރާތްތަކަށް އޮތް ހަމަހަމަ ފުރުސަތު ގެއްލި، ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ބެލެވޭ ކަމަށެވެ. މިއީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އަމަލެއް ކަމަށް ބެލެވޭތީ، މި މައްސަލަ ތަހުގީގީ އިދާރާއަކަށް ފޮނުވުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

އަދި ކުރިއަށް އޮތް ތަނުގައި ބިންތަކުގެ ހެޑް ލީޒް ބަދަލުކުރާއިރު އަސްލު އެއްބަސްވުމުގައިވާ މަންފާތަކާއި ޒިންމާތަކަށް ބަދަލު ނާންނާނެ ގޮތަކަށް އަމަލުކުރުމަށާއި، މިފަދަ ކަންކަމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލެއް އެކުލަވާލުމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ އިރުޝާދު ދީފައެވެ.