MTCC

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާ ފެނޭ: މިނިސްޓަރ ގީލާ

ސިއްހަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާ ފެނޭ: މިނިސްޓަރ ގީލާ

SHARE

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ރާއްޖެއިން މީގެކުރިން ކޮށްފައި ހުރި މަސައްކަތްތަކުގެ ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށާއި އެންމެން ގުޅިގެން ރައްކާތެރި މުޖުތަމައުއެއް ކުޑަކުދިންނަށް ހޯދައިދިނުމަށް ސިއްހަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ގޮވާލައިފިއެވެ.

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އެ ދާއިރާއަށް ހާއްސަ މަޖައްލާއެއް ކަމަށްވާ "އަމާނާތް" މަޖައްލާ ރަސްމީކޮށް އިފްތިތާހްކޮށްފައެވެ.

ޤައުމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މީރުމާގައި ބޭއްވި "މަޝްވަރާ އޮން ޗައިލްޑް ރައިޓްސް" ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި މި މަޖައްލާ އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވަނީ، ކުޑަކުދިންގެ ކުރިއެރުމާއި ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމުގައި މިފަދަ އިސްނެގުންތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ގީލާގެ ވާހަކަފުޅުގައި، ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ބިނާކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ވިދާޅުވިއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ ކުޑަކުދިންގެ ހައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ ތަސްދީޤުކުރި ކުރީގެ ގައުމަކަށްވާއިރު، މިދާއިރާއިން މިހާތަނަށް ގިނަ ކުރިއޭރުންތަކެއް ހޯދިފައިވާ ކަމަށެވެ.

"ކުރެވުނު މަސައްކަތްތަކުން އަޅުގަނޑުމެން އިސްކަންދޭންޖެހޭ ދާއިރާތައް ދެނެގަތުމަށް އެހީވެދީފި. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ހަރުދަނާކޮށް، އެކުދިންނަށް ފެންވަރު ރަނގަޅު ތަޢުލީމު ލިބޭނެ މަގު ތަނަވަސްކޮށްދީ، ކުޑަކުދިންގެ ހައްޤުތަކާމެދު މުޖުތަމަޢުގެ ތެރޭގައި ހޭލުންތެރިކަން ވަނީ އިތުރުކުރެވިފައި،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ނަފްސާނީ އަދި އިޖުތިމާޢީ ގޮތުން މުޖުތަމަޢުގެ ހާލަތު ރަނގަޅުކުރުމަށް ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނީ އޮނިގަނޑު ހަރުދަނާވުމަކީ މީގެ ހެއްކެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"މަޝްވަރާ އޮން ޗައިލްޑް ރައިޓްސް" އަކީ ކުޑަކުދިންނަށް ދިމާވާ އެކި ގޮންޖެހުންތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެކުދިންގެ ޙައްޤުތައް ހިމާޔަތްކުރެވޭނެ އައު ގޮތްތައް ހޯދުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން ނެރެވުނު "އަމާނާތް" މަޖައްލާ މެދުވެރިކޮށް، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ މަޢުލޫމާތު މުޖުތަމަޢުގެ ތެރޭގައި އިތުރަށް އާންމުވެގެންދާނެއެވެ.