MTCC

އަމިއްލަ ދަތުރުފުޅުތަކުގައި ދައުލަތުގެ ފައިސާ ބޭނުން ނުކުރަން: ރައީސް

ފޮޓޯ: ރައީސް އޮފީސް

އަމިއްލަ ދަތުރުފުޅުތަކުގައި ދައުލަތުގެ ފައިސާ ބޭނުން ނުކުރަން: ރައީސް

SHARE

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި އެއްވެސް އަމިއްލަ ދަތުރުފުޅެއްގައި ސަރުކާރާއި ރައްޔިތުންގެ ފައިސާ ބޭނުންކުރައްވާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތީއްސުރެ މިއަދާ ހަމައަށް ކުރެއްވި ކޮންމެ އަމިއްލަ ދަތުރުފުޅެއްގެ ހަރަދުތައް ބަލަހައްޓަވާފައިވަނީ އަމިއްލަފުޅަށް ކަމަށެވެ. މީގެ ތެރޭގައި އާއިލީ ކަންކަމާއި އެނޫންވެސް އަމިއްލަ ބޭނުންތަކަށް ކުރެއްވި ދަތުރުފުޅުތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަމިއްލަ ދަތުރެއް ކުރި އެއްވެސް ދަތުރެއްގައި، އެއްވެސް ކަމަކަށް އަޅުގަނޑުގެ އަމިއްލަ ކަމެއްގައި، އަޅުގަނޑުގެ އާއިލާގެ ކަމެއްގައި ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއް ވެސް ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއް ވެސް ބޭނުންކޮށްފަ ނުހުންނާނެ އެއްވެސް ދަތުރެއްގައި" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބައެއް ދަތުރުފުޅުތަކަކީ ޗުއްޓީގެ ގޮތުގައި ކުރައްވާ ދަތުރުފުޅުތަކެއް ކަމަށް ބެލެވުނު ނަމަވެސް، އެ ދަތުރުފުޅުތަކުގައި ވެސް ރަސްމީ މަސައްކަތްޕުޅުތައް ކުރައްވާ ކަމަށެވެ. އެގޮތުން ރައީސް އޮފީހުގެ މުވައްޒަފަކު، މަސައްކަތަށް ބޭނުންވާ ޕްރިންޓަރާއި ސްކޭނަރު ފަދަ ތަކެއްޗާއެކު ދަތުރުގައި ބައިވެރިވާ ކަމަށާއި، ރާއްޖޭން ފޮނުވާ ސިޓީތަކާއި ނޯޓުތަކުގައި ސޮއިކުރެއްވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ، އެފަދަ ދަތުރުފުޅުތަކުގައި ބައިވެރިވާ ރައީސް އޮފީހުގެ މުވައްޒަފުގެ ހަރަދުތައް ވެސް ބައެއް ފަހަރު އަމިއްލަފުޅަށް ކުރައްވާ ކަމަށެވެ. މިއީ މީގެ ކުރިން އަމަލުކުރަމުން އައި ގޮތެއް ނޫން ކަމަށްވާތީ، ރައީސް އޮފީހުގެ އިދާރީ މުވައްޒަފުން އެކަން އެގޮތަށް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެކަމަކު އަޅުގަނޑަށް ގަބޫލު ނުކުރެވެނީ އަޅުގަނޑު ޗުއްޓީގަ މިހިރީ ގޮސް. މިއަދާއި ހަމައަށްއައިއިރު އެއްވެސް ހަރަދެއް. އަޅުގަނޑުގެ ވެސް އަޅުގަނޑުގެ އަންހެނުންގެ ވެސް ދަރިންގެ ވެސް ނުހުންނާނެ އަޅުގަނޑުގެ އެއްވެސް އަމިއްލަ ދަތުރެއްގައި ސަރުކާރުގެ ހަރަދުގައި" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ދަތުރުފުޅުތަކަށް ދައުލަތުން ހަރަދުކުރުމުގެ ބާރު ލިބިދީފައިވެއެވެ. އަދި މީގެ ކުރީގެ ރައީސުން އެ އުސޫލުން އަމަލުކުރައްވާފައިވާ ކަމަށާއި، މިހާރު ވެސް ކުރީގެ ބައެއް ރައީސުން ދައުލަތުގެ ހަރަދުގައި ބޭރަށް ވަޑައިގަންނަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، އެމަނިކުފާނު އިހުތިޔާރު ކުރެއްވީ ދައުލަތުގެ ފައިސާ އެފަދަ ކަންކަމުގައި ބޭނުން ނުކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.