MTCC

16 އަހަރުން ދަށުގެ ކުދިންނަށް ބައެއް މީސްމީޑިއާ ބޭނުންކުރުން މަނާކުރަނީ

ފޮޓޯ: ރައީސް

16 އަހަރުން ދަށުގެ ކުދިންނަށް ބައެއް މީސްމީޑިއާ ބޭނުންކުރުން މަނާކުރަނީ

SHARE

ރާއްޖޭގައި އުޅޭ 16 އަހަރުން ދަށުގެ ކުދިންނާއި ޒުވާނުން މީސްމީޑިއާގެ ނުރައްކާތަކުން ސަލާމަތްކުރުމުގެ ގޮތުން، ވަކި އެޕްލިކޭޝަންތަކެއް އެ އުމުރުފުރާގެ ކުދިންނަށް ބޭނުންނުކުރެވޭ ގޮތަށް ބަންދުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ތުއްތު ކުދިންނާއި ޒުވާނުން މީސްމީޑިއާގައި ބުލީގެ ޝިކާރައަކަށްވެ، ނުރަނގަޅު ކަންކަމުގެ ތެރެޔަށް ހުށަހެޅެމުންދާ މައްސަލައަކީ މުޅި ދުނިޔޭގައިވެސް އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ޚާއްޞަކޮށް "ސައިބާ ބުލީއިން" އާއި "އޮންލައިން ގްރޫމިން" ފަދަ ނުރައްކާތަކަށް ކުދިން ހުށަހެޅި، ގެއްލުންހުރި ކޮންޓެންޓްތަކަށް އެކްސްޕޯސްވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ އިސްލާމީ މުޖުތަމައުއަކަށްވާއިރު، ޖީލުތައް މިފަދަ ނުރައްކާތަކުން ސަލާމަތްކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި މި ފިޔަވަޅުތައް އެޅުމުގައި ކަމާބެހޭ މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އާންމު ރައްޔިތުންގެ ލަފާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސޯޝަލް މީޑިއާގެ ކަނޑައެޅޭ ވަކި އެޕްތައް 16 އަހަރުން ދަށުގެ ޒުވާނުންނަށް ބޭނުން ނުކުރެވޭ ގޮތަށް ކަނޑައެޅުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ގަސްތުކުރަން،" ރައީސް ވިދާޅުވިއެވެ.

މި ނިންމެވުމާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އޮސްޓްރޭލިއާ ފަދަ ގައުމުތަކުން މިހާރުވެސް މިފަދަ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، އެއީ ރަނގަޅު ނަމޫނާއެއް ކަމަށެވެ. އެގޮތުން، މީސްމީޑިއާގެ އެޕްލިކޭޝަންތައް ހިންގާ ބައިނަލްއަގުވާމީ ކުންފުނިތަކާ މަޝްވަރާކޮށް، އެންމެ ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި މިކަމުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ފިޔަވަޅަކީ ގައުމު ޑިޖިޓަލްކުރުމާ ދުރަށް ދިޔުމެއް ނޫނެވެ. އެމަނިކުފާނުގެ ސިޔާސަތަކީ "މޯލްޑިވްސް 2.0″ ގެ ދަށުން ރާއްޖެއަކީ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) އަށް ބިނާވެފައިވާ ޑިޖިޓަލް މުޖުތަމައުއަކަށް ހެދުން ކަމަށްވާތީ، އިންޓަނެޓަކީ ތައުލީމާއި ފަންނުވެރިކަން ކުރިއެރުވުމަށް ކޮންމެހެން މުހިންމު ވަސީލަތެއްކަން އެމަނިކުފާނު ގަބޫލުކުރައްވައެވެ.

ނަމަވެސް، އިންޓަނެޓްގެ ފައިދާހުރި ބޭނުންތަކަށް ހުރަސްނޭޅޭނެހެން، ހަމައެކަނި ކުދިންގެ އަޚުލާގާއި ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓްތަކާއި އެޕްލިކޭޝަންތައް ކުޑަކުދިންނަށް ބަންދުކުރުމަކީ މިއަދު ކުރަންޖެހިފައިވާ މަޖުބޫރު ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. މިއީ މުސްތަގުބަލުގެ ޖީލުތައް ހަރުދަނާ ގޮތެއްގައި ބިނާކުރުމަށް ސަރުކާރުން އަޅާ ހަރުދަނާ ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.