MTCC

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް -- ފޮޓޯ: މަޖިލީސް

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

SHARE

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު އިންތިޚާބުކޮށްފިއެވެ.

ސަލީމް މި މަގާމަށް އިންތިޚާބުވެވަޑައިގަތީ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ސިއްރު ވޯޓުގައި ބައިވެރިވި މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމްގެ މައްޗަށް މަސްލަހަތު ފުށުއެރުމާއި މަގާމުގެ ނާޖާއިޒު ފައިދާ ނެގިކަމުގެ ތުހުމަތުތަކެއް ވެރިކަންކުރާ ޕީއެންސީން ކުރި ނަމަވެސް، އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. ނާޒިމް ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވީ ޕާޓީގެ ހުރިހާ މެންބަރުން އެކަމަށް އެދިވަޑައިގަތުމުން، ޑިމޮކްރަސީގެ ތަހުޒީބީ އުސޫލުތަކަށް އިސްކަންދިނުމުގެ ގޮތުން ކަމަށެވެ.

މިއަދުގެ ޖަލްސާގައި ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅެއްގެ ނަން ހުށަހެޅުނެވެ. އެއީ ޕީއެންސީގެ ފަރާތުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި، އެމްޑީޕީގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ. ސަލީމްގެ ނަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އަދި ޒިޔާދުގެ ނަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ.

ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވެއެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަތީ:

  1. މަރަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު
  2. ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
  3. ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް
  4. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
  5. ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާނު އިބްރާހިމްއެވެ.

މަޖިލީހުގައި ނެގުނު ވޯޓުގެ ނަތީޖާއަށް ބަލާއިރު، އަހުމަދު ސަލީމަށް 62 މެންބަރުންގެ ވޯޓު ލިބިވަޑައިގެންނެވިއެވެ. އަދި ހުސައިން ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ.

މި އިންތިޚާބާއެކު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއެކު ދެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ އަހުމަދު ސަލީމެވެ. ސަލީމަކީ މީގެ ކުރިންވެސް މަޖިލީހުގެ އެކި ކޮމިޓީތަކުގައާއި ސިޔާސީ މައިދާނުގައި ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.