MTCC

ދުންފަތުގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމާ މެދު ސަރުކާރުން މަޝްވަރާ ކުރަނީ

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން (ފޮޓޯ/ ސަން)

ދުންފަތުގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމާ މެދު ސަރުކާރުން މަޝްވަރާ ކުރަނީ

SHARE

ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ދުންފަތުގެ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ) އިން ދީފައިވާ ލަފަޔާ އެއްގޮތަށް ބަދަލު ގެނައުމާ މެދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރަން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅިގެން، ވޭޕް ބޭނުންކުރި މީހުން ކުއްލިއަކަށް ސިނގިރޭޓަށް ބަދަލުވެދާނެ ކަމަށް ބަލައި، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ވަނީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށްފައެވެ. އެ ފަހަރު ގެނައި ބަދަލާ އެކު، ސިނގިރޭޓަކުން ނަގާ ޑިއުޓީ ވަނީ 3.30 ރުފިޔާއިން 8 ރުފިޔާއަށް އުފުލާފައެވެ.

ނަމަވެސް، ޑަބްލިއުއެޗުއޯއިން ހެދި ދިރާސާއަކަށް ފަހު، 2026 ވަނަ އަހަރަށް ރާއްޖެއަށް ރިކޮމެންޑް ކޮށްފައިވަނީ ސިނގިރޭޓަކަށް 4 ރުފިޔާގެ ސްޕެސިފިކް ރޭޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗުއޯއިން ހެއްދެވި ދިރާސާއަކުން ރާއްޖެއަށް ރިކޮމެންޑް ކުރައްވާފައި އޮތް އެއް ޑިއުޓީ ރޭޓަކީ 2026 ވަނަ އަހަރަށް އެއީ ސްޕެސިފިކް ރޭޓް 4ރ. ގެ ގޮތުގައި، މިއީ އަޅުގަނޑުމެން ހަމަ ކޮންސިޑާ ކުރަމުން އަންނަ ރޭޓެއް މިހާރު ވެސް" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޑިއުޓީ ރޭޓަށް ބަދަލެއް ގެނައުމުގެ ކުރިން ކަމާބެހޭ ހުރިހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އެ މަޝްވަރާތަކަށް ފަހު، ރޭޓަށް ބަދަލު ގެންނަން ފެންނަ ނަމަ، ގާނޫނަށް ބަދަލު ގެނައުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އެ ހުށަހެޅުން ހުށަހަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޑިއުޓީ ރޭޓަށް ބަދަލު ގެނައުމަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ގެންގުޅޭ އުކުޅެއްކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސިއްހީ މާހިރުންގެ ލަފަޔާ އެކު ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުން ކަމަށެވެ.