ރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްވައިފިއެވެ.
މި ޔަޤީންކަން އެމަނިކުފާނު ދެއްވީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ވަޑައިގެން ހުންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައީސް ޝީ ވަނީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޗައިނާގެ ފުރިހަމަ އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒުގެ އަރިހުގައި މާލީ ވަޒީރު މޫސާ ޒަމީރު، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޙާލީލް އަދި އިމާރާތްކުރުމާ ގެދޮރުވެރިކަމުގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި މި ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީ، ވިޔަފާރި، އިންވެސްޓްމަންޓް، ސަލާމަތީ އެއްބާރުލުން އަދި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުން ހިމެނޭ ގޮތަށް މުހިންމު ދާއިރާތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ. ދެ ޤައުމުގެ ލީޑަރުން ވަނީ ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް (2024-2028) ގެ ދަށުން ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.
މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ދެވަނަ ރަސްމީ ދަތުރުފުޅެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ޗައިނާއަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެ ދަތުރުފުޅަށްފަހު ރާއްޖެއާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެ، 20 އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެސްސީއޯ ސަމިޓްގައި ރާއްޖެ ހިމެނޭ ގޮތަށް 26 ޤައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވައި، ރާއްޖެއަކީ އެސްސީއޯގެ ޑައިލޮގް ޕާޓްނަރެކެވެ.