MTCC

ޑްރޯން ބޭނުންކޮށްގެން މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހުއްޓުވައިފި

ފުލުހުން މީގެކުރިން އަތުލައިގަތް މަސްތުވާތަކެތި---ފޮޓޯ: ފުލުހުން

ޑްރޯން ބޭނުންކޮށްގެން މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހުއްޓުވައިފި

SHARE

މާފުށީ ޖަލަށް ޑްރޯނެއް ބޭނުންކޮށްގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއް، ފުލުހުންނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި ޚާއްސް އޮޕަރޭޝަނެއްގައި ހުއްޓުވައި، އެ ތަކެތި އަތުލައިގެންފިއެވެ.

މި އޮޕަރޭޝަނަކީ މާފުށީ ޕޮލިސް ސްޓޭޝަނާއި، މާފުށީ ޕްރިޒަން އަދި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ތަކެތި އަތުލައިގެންފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 24 ވީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 12:45 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޑްރޯން ބޭނުންކޮށްގެން ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެތީގެ ތެރޭގައި ފަސް ރަބަރު ޕެކެޓު ހިމެނެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 395.13292 ގުރާމެވެ. މިއީ ޖަލުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނިކޮށް، ޓެކްނޮލޮޖީގެ އެހީގައި ޖަލަށް މަނާ ތަކެތި ވެއްދުމަށް ކުރި މަސައްކަތެކެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، މި ހާދިސާ ފުލުހުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. ޚާއްޞަކޮށް މިކަމުގައި ޝާމިލުވާ ފަރާތްތައް ދެނެގަތުމަށް ފުލުހުން ދަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.

ފަހަކަށް އައިސް ޑްރޯން ބޭނުންކޮށްގެން ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ވެއްދުމުގެ މައްސަލަތައް ފާހަގަކުރެވިފައިވާތީ، ޖަލުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.