ރަސްމީ ދަތުރުފުޅެއްގައި މިހާރު ޗައިނާއަށް ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް ޑރ.މުއިއްޒު ޝީ ޖިންޕިންގ އާ ބައްދަލުކުރައްވާފައިމިވަނީ، މިއަދު ޓިއާންޖިންގައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު ވެފައިވާ އެއްބަސްވުންތަކުގައި ކުރުމަށް ބަޔާންކޮށްފައިވާ ކަންތައްތައް ފުޅާކުރުމާއި އެކަންތައްތައް އަވަހަށް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ދެޤައުމު ގުޅިގެން ކުރިއަށްގެންދާ ތަރައްޤީގެ ކަންކަން ބިނާވެފައިވަނީ ޒަމާންވީ ދެޤައުމުގެ ގުޅުމާއި އެއްޤައުމު އަނެއްޤައުމުގެ މައްޗަށް އިހުތިރާމްކުރާ ހާލުގައި ކަމަށާއި އެގޮތުން މިހާތަނަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަންކަން ކުރިއަށްގެންދާނޭ ގޮތްތަކާ ބެހޭގޮތުން ވާހަކަދެކެވުނުކަމަށެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕްގައި ކުރުމަށް އެއްބަސްވެފައިވާ ކަންކަމުގެ މައްޗަށް މި ބައްދަލުވުމުގައި ވާހަކަތައް ދެކެވިގެން ދިޔަކަން ރައީސްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ކަމާބެހޭ ސީނިއާ އޮފިޝަލުންވެސް ވަނީ ބައިވެރިވެފައިވާކަން ފާހަނގަ ކޮށްލަން ޖެހެއެވެ. މިދިޔަ އަހަރުގެ ޖޫންމަހު ރައީސް ޑރ.މުހައްމަދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ އެޤައުމާއެކު މުހިއްމު 20 އެއްބަސްވުމެއް ގާއިމްކޮށްފައެވެ. މީގެ ތެރޭގައި އިގްތިސާދީ، އުމްރާނީ ތަރައްޤީގެ އިތުރުން އިންސާނީ ވަސީލަތްތަކާއި ތިމާވެއްޓާ ގުޅުންހުރި މުހިއްމު އެެއްބަސްވުންތައް ހިމެނެއެވެ.