ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގައި ބައިބައިވުން އުފެދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް އެ ޕާޓީގެ ސެނެޓުން ދެކޮޅު ހެދިކަމަށް ބުނެ ފެތުރެމުންދާ ހަބަރުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަނޑައެޅިގެން ދޮގުކުރައްވައިފިއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، މިއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން ވަކި ގޮތަކަށް ކަމެއް ނިންމުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެއްވެސް ހުށަހެޅުއްވުމެއް ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.
މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުސލުން ހިންގާ ޕާޓީއެއް ކަމަށާއި، ފިތުނަ ފަސާދަ އުފައްދައިގެން އެ ޕާޓީ ބައިބައި ނުކުރެވޭނެ ކަމަށެވެ. އަދި ޕާޓީގެ ލީޑަޝިޕާއި މެންބަރުން ތިބީ ރައީސް ޑރ. މުޙހައްމަދު މުއިއްޒާއެކު ސާބިތުވެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ، ޕީއެންސީގެ ސެނެޓު ބައްދަލުވުމެއްގައި ޕާޓީގެ ކޮންގްރެސްގެ ކަންކަން ނިންމުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށް ރައީސް މުޢިއްޒު ހުށަހެޅުއްވި ކަމަށާއި، ނަމަވެސް ސެނެޓުން އެކަމަށް ދެކޮޅު ހެދި ކަމަށް ބުނެ "އަދަދު" ނޫހުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސެނެޓުން ނިންމީ ކޮންގްރެސްގެ ކަންކަން ބެލެހެއްޓުމަށް އާންމު މެންބަރުންގެ ބައިވެރިވުން އޮންނަ ގޮތަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލުމަށެވެ.
މި ކޮމިޓީގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އަދި ކެބިނެޓުގެ ބައެއް ވަޒީރުން ހިމެނިވަޑައިގަންނަވާއިރު، މިއީ ރައީސް މުޢިއްޒުގެ ނިންމެވުމަކަށް ސެނެޓުން ދެކޮޅު ހެދި ފުރަތަމަ ފަހަރު ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
ނަމަވެސް، ސަރުކާރާއި ޕީއެންސީގެ އިސް ބޭފުޅުން ގެންދަވަނީ މި ވާހަކަތައް ދޮގުކުރައްވައި، ޕާޓީގެ އެތެރޭގެ މަސްލަހަތު ވަރުގަދަ ކަމަށް ވިދާޅުވަމުންނެވެ. ރައީސް މުޢިއްޒުގެ މަގުބޫލުކަން ދަށްވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު،