MTCC

ހުޅުމާލެ ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އައު ޔުނިޓެއް ހުޅުވައިފި

HJFA5FtakAAvrmh

ހުޅުމާލެ ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އައު ޔުނިޓެއް ހުޅުވައިފި

SHARE

ހުޅުމާލެ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ހުޅުމާލޭގައި ކުރިން ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރި އިމާރާތުގައި އައު ޔުނިޓެއް ހުޅުވައި، އެތަނަށް ގައިދީން ބަދަލުކުރަން ފަށައިފިއެވެ.

މި އައު ޔުނިޓް ގާއިމްކޮށްފައިވަނީ ހުޅުމާލޭގައި އަލަށް ބިނާކުރި ކްރިމިނަލް ކޯޓާ އިންވެގެން، ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގައި ހުންނަ އިމާރާތުގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދިންގޮތުގައި، ހުޅުމާލެ ޕްލޮޓް ނަންބަރު 10623 ގައި ތަރައްގީ ކުރަމުންދާ ދެ ބުރި އިމާރާތުގެ ތެރެއިން، 140 މީހުންގެ ޖާގައިގެ މި ޖަލު ޔުނިޓުގައި ހިމެނޭ 5 ސެލް ބްލޮކްގެ ތެރެއިން ފުރަތަމަ ސެލް ބްލޮކްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މި މަސައްކަތް ނިމުމާއެކު، ފުރަތަމަ ބެޗްގެ 16 ގައިދީން އިއްޔެ ވަނީ އެ ޔުނިޓަށް ބަދަލުކުރެވިފައެވެ.

ކަރެކްޝަނުން ބުނި ގޮތުގައި، މިއީ ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން ފަންނީ މަސައްކަތްތަކުގައި މާލޭ ސަރަހައްދުގައި ހަރަކާތްތެރިވާ ގައިދީން ބޭތިއްބުމަށް ހާއްސަކޮށްގެން ބިނާކުރި ތަނެކެވެ. މި ޔުނިޓް ފަރުމާކޮށްފައިވަނީ ހޯލްޑިން ސެލްތަކާއި އެކު އޭސީ ވެސް ކުރެވިފައިވާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ގްރައުންޑް ފްލޯގެ ހުރިހާ މަސައްކަތެއް އަންނަ ޖޫން މަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ. އެހިސާބުން، ކޯޓުތަކަށާއި މެޑިކަލް ފަރުވާ އަށް މާލެ ގެންނަންޖެހޭ ގައިދީން ބޭތިއްބުމަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރަށް ކުރަންޖެހޭ ހަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ކަރެކްޝަނުން ފާހަގަކުރެއެވެ. މިހާރު މި ހިދުމަތް ދެމުންދަނީ ޖާގައިގެ ދަތިކަމާއި ލޮޖިސްޓިކްސްގެ ގޮންޖެހުންތަކާ އެކު، އޮފިސަރުންނަށް ވެސް ބޮޑެތި ރިސްކުތަކެއް އޮތް ބުރަ މަސައްކަތެއްގެ ގޮތުގައެވެ.

އަލަށް ހުޅުވި މި ޔުނިޓުގައި ގައިދީން ނިދުމަށް ބަންކު ބެޑު ބަހައްޓާފައިވާއިރު، އޭސީގެ އިތުރުން ފަންކާ ވެސް ވަނީ ހަރުކޮށްފައެވެ. އަދި ގައިދީންގެ ބޭނުންތަކަށް މެސް ރޫމަކާއި، ނަމާދު ކުރާނެ ކޮޓަރިއެއްގެ އިތުރުން އަމިއްލައަށް ހެދުން ދޮވެވޭނެ އިންތިޒާމުތައް ވެސް ވަނީ ގާއިމްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ތަން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ކުރަމުންދަނީ ޖަލުގައި ތިބި މަސައްކަތްތެރި ގައިދީންނާއި ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެންނެވެ. މިއީ ގައިދީންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޖަލުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.