ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން، އެ ޤައުމަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ)" ފުރިހަމަކުރަން ޖެހޭ ގޮތަށް ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ މި ނިންމުމާ އެއްގޮތަށް، މި ހިނގާ މޭ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެ ޤައުމަށް ދަތުރުކުރާ ދިވެހިން "އީޓީއޭ" ހޯދަން ޖެހޭނެ ކަމަށް ސްރީލަންކާގެ އިމިގްރޭޝަނުން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންވެ ސްރީލަންކާއަށް ޒިޔާރަތްކުރާ ކޮންމެ ދިވެއްސަކުވެސް ދަތުރުކުރުމުގެ ކުރިން https://eta.gov.lk/slvisa ލިންކް މެދުވެރިކޮށް މި ފޯމް ފުރިހަމަކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.
މި އައު އުސޫލަށް އަމަލުކުރަން ފެށި ނަމަވެސް، ސްރީލަންކާއިން ދިވެހިންނަށް ވިސާ ދޫކުރުމަށް ކަނޑައަޅާފައިވާ އަސާސީ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން، ކުރިންވެސް އޮންނަ އުސޫލުގެ މަތިން ދިވެހިންނަށް 90 ދުވަހުގެ ޓޫރިސްޓް ވިސާ އެއްވެސް ފީއަކާ ނުލައި ލިބޭނެއެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ވިދާޅުވީ، ސްރީލަންކާގެ "އީޓީއާ" އާ ގުޅޭ އުސޫލަށް ގެނައި މި ބަދަލާ ގުޅިގެން، ދިވެހި ރައްޔިތުންނަށް ދަތުރުފަތުރުގައި ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސްރީލަންކާ ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުންނެވެ.
ސްރީލަންކާއަކީ ތައުލީމާއި ސިއްޚީ ފަރުވާގެ އިތުރުން ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ޒިޔާރަތްކުރާ ޤައުމަކަށް ވުމާއެކު، މި ބަދަލަށް ސަމާލުވުމަށް ސަރުކާރުން އިލްތިމާސްކުރެއެވެ.