MTCC

ހުޅުމާލޭ އިންޖީނުގޭގެ ޕަވާ ސިސްޓަމް އަޕްގްރޭޑުކުރަން ކަރަންޓު ކަނޑާލަނީ

20240918-084621

ހުޅުމާލޭ އިންޖީނުގޭގެ ޕަވާ ސިސްޓަމް އަޕްގްރޭޑުކުރަން ކަރަންޓު ކަނޑާލަނީ

SHARE

މާލެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގޭގެ ޕަވާ ސިސްޓަމަށް މުހިންމު އަޕްގްރޭޑެއް ގެނައުމަށް ވަކި ގަޑިތަކުގައި ކަރަންޓު ކަނޑާލަން ނންމާފައިވާ ކަމަށް ސްޓެލްކޯއިން ނިންމައިފިއެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި އަޕްގްރޭޑަކީ މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގައިގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރުމަށާއި، އިންޖީނުގެއަށް އިތުރު ޖަނަރޭޝަން ފީޑް ކުރުމުގެ ފުރުސަތު ހުޅުވާލުމަށްޓަކައި ކުރެވޭ ކޮންމެހެން މުހިންމު މަސައްކަތެކެވެ. މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ފުރިހަމަކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ މިމަހު 23 ވަނަ ދުވަހުގެ ފަތިހު 03:00 އިން ހެނދުނު 08:00 އަށެވެ. މި ވަގުތުތަކުގައި ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ވަނީ ހަމަޖެހިފައެވެ.

"ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލި ނަމަވެސް، އެ ވަގުތުތަކުގައި މާލެއާއި ހުޅުމާލެއަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްދިނުމުގެ ގާބިލްކަން ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑްގައި ހުންނާނެ. އެހެން ކަމުން އެ ގަޑީގައި އެއްވެސް ތަނަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ކުޑަ. އެހެން ނަމަވެސް، އެ ވަގުތު މާލެ އާއި ހުޅުމާލޭގެ ބޮޑު އިންޖީނަކަށް ކަމެއް ދިމާވެއްޖެ ހާލަތެެއްގައި، ލޯޑް މެނޭޖްކުރުމަށްޓަކައި، ބައެއް ތަންތަނުން ކަރަންޓު ކަނޑާލަންޖެހުމުގެ ފުރުސަތު އޮންނާނެ." ސްޓެލްކޯއިން ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، މަސައްކަތް ކުރިއަށްދާ ވަގުތަކީ ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މަދު ވަގުތު ކަމަށްވާތީ، ޚިދުމަތަށް ކުރާނެ އަސަރު ކުޑަވާނެއެވެ. ނަމަވެސް، ކަރަންޓު ބޭނުންކުރާ މިންވަރު އުފެއްދޭ މިންވަރަށްވުރެ އިތުރުވެއްޖެނަމަ، ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން ޖެހިދާނެއެވެ.

ކުންފުނީގެ އަމާޒަކީ ކަނޑައެޅިފައިވާ ވަގުތަށްވުރެ އަވަހަށް މަސައްކަތް ނިންމައި، ވީއެންމެ އަވަހަކަށް ޚިދުމަތް އާންމު ހާލަތަށް ގެނައުމެވެ. އަދި މަސައްކަތް ކުރިއަށްދާ ވަގުތު ކަރަންޓު ކަނޑާލަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މަޢުލޫމާތު ކުންފުނީގެ ސޯޝަލް މީޑިއާ މަންސަތަކުން ވަގުތުން ހިއްސާކުރަމުންދާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ސްޓެލްކޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.