ވ. އަލިމަތާ ކައިރިން ކަނޑުއަޑީގެ ހޮހަޅައެއްގައި ތާށިވި އިޓަލީގެ ފަތުރުވެރިން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަނުގެ ތެރޭގައި، އެމްއެންޑީއެފްގެ ކޯސްޓްގާޑް ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މި ހިނގާ މޭ މަހުގެ 16 ވަނަ ދުވަހުއެވެ. ފުލުހުންގެ މީޑިއާ ގްރޫޕުން މިރޭ ހާމަކުރި ގޮތުގައި، މަހުދީ ނިޔާވާން މެދުވެރިވި ސަބަބާއި އެ ހާދިސާ ހިނގައިދިޔަ ގޮތް މިހާރު ދަނީ ވަރަށް ގާތުން ބަލަމުންނެވެ. ނަމަވެސް މި ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މަހުދީ ނިޔާވި މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައި މިވަނީ، އޭނާ ނިޔާވިތާ ތިން ދުވަސް ފަހުންނެވެ. މި ހާދިސާ ހިނގި ފަހުން، އޭނާ ނިޔާވި ހަގީގީ ސަބަބު ހޯދުމަށް މިނިވަން ތަހުގީގަކަށް ގޮވާލައި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްޞަކޮށް، މަހުދީގެ ހަށިގަނޑު ވަޅުލާފައިވަނީ ޕޯސްޓްމޯޓަމެއް ނުވަތަ ފުރިހަމަ ތަހުގީގަކަށް މަޑުކުރުމެއް ނެތި ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަނީ ސަރުކާރަށާއި ފުލުހުންގެ އިދާރާއަށް އަމާޒުވެފައެވެ.
މީގެ އިތުރުން، މި ހާދިސާގައި މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ މަރުގެ މައްސަލަ އިޓަލީ ސަރުކާރުން ތަހުގީގުކުރަން ފަށާފައިވާއިރު، ދިވެހި ސިފައިންގެ ބޭފުޅަކު ނިޔާވި މައްސަލާގައި ފުލުހުންގެ ފަރާތުން އެކަށީގެންވާ އަވަސް ފިޔަވަޅެއް ފެނިފައި ނުވާތީ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ނޫސްވެރިން މިކަމާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލުކުރުމުންވެސް، މީގެ ކުރިން ފުލުހުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ދިފާއީ ބާރުންވެސް ހިތާމަ ފާޅުކޮށްފައިވާއިރު، މަހުދީއަކީ ގައުމީ ޚިދުމަތުގައި ނަމޫނާ ދެއްކެވި ހިތްވަރުގަދަ ސިފައިންގެ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.