MTCC

ފަހު ދެ ޑައިވަރުންގެ ހަށިގަނޑު ހޮހަޅައިން ނަގައިފި

image_870x_6a0d80eceef36

ފަހު ދެ ޑައިވަރުންގެ ހަށިގަނޑު ހޮހަޅައިން ނަގައިފި

SHARE

ވ. އަތޮޅު އަލިމަތާ ކައިރީ ކަނޑު އަޑީގެ ހޮހަޅައެއްގައި ތާށިވި އިޓަލީގެ ފަތުރުވެރިންގެ ތެރެއިން، ނުނެގި ތާށިވެފައި އޮތް ފަހު ދެ ޑައިވަރުންގެ ހަށިގަނޑު މިއަދު ފެންމައްޗަށް ނަގައިފިއެވެ.

މި ދެ ޑައިވަރުންގެ ހަށިގަނޑު ނެގިފައިވަނީ ހޮހަޅައިގެ ތެރޭގައި ތާށިވެފައި އޮންނަތާ ހަ ދުވަސް ފަހުންނެވެ.

މިދިޔަ ހޯމަ ދުވަހު މި މީހުންގެ ހަށިގަނޑުތައް އޮތް ތަން ލޮކޭޓު ކުރެވުނު ނަމަވެސް، ހޮހަޅައިގެ ނުރައްކާތެރިކަމާއި ފުންމިނުގެ ސަބަބުން ހަށިގަނޑުތައް ނެގުމަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

މި ރިކަވަރީ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ކޭވް ޑައިވަރުންގެ ޓީމަކުންނެވެ. މި އޮޕަރޭޝަނުގައި ރީބްރީތާސް އާއި، ކަނޑު އަޑީގައި ދުއްވާ ސްކޫޓަރުގެ އިތުރުން ލައިފް-ސަޕޯޓް ސިސްޓަމްތައް ފަދަ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް އެ ޓީމުން މައުލޫމާތު ދެއެވެ.

ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތަށް ބަލާއިރު، ފިންލޭންޑުގެ ޓީމުން ވަނީ ހޮހޮޅައިގެ ތެރެއިން ހަށިގަނޑުތައް ނެރެ ކަނޑުގެ 30 މީޓަރުގެ ފުންމިނާ ހަމައަށް ގެނެސްދީފައެވެ. އެ ހިސާބުން ފެށިގެން އެ މީހުންގެ ހަށިގަނޑު ފެންމައްޗަށް ނެގުމުގެ މަސައްކަތް ފުރިހަމަކުރީ ދިވެހި ސިފައިންނާއި ފުލުހުންގެ ޑައިވް ޓީމުތަކުން ގުޅިގެންނެވެ.

މި ހިތާމަވެރި ހާދިސާގައި ހޮހަޅައަށް ވަން ފަސް މީހުންގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު އިއްޔެ ވަނީ ނަގާފައެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ ނެގީ ޑައިވް ޓީމް ލީޑަރު ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑެވެ.

މި ހާދިސާގައި ޖުމްލަ ހަ މީހަކު ވަނީ މަރުވެފައެވެ. އެއީ އިޓަލީގެ ފަސް ޑައިވަރުންގެ އިތުރުން، އެ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރި ވަނިކޮށް ނިޔާވި ދިވެހި ސިފައިންގެ ސްޓާފް ސާޖަންޓު މުހައްމަދު މަހުދީއެވެ. ސްޓާފް ސާޖަންޓު މަހުދީގެ ވަކިވެދިއުމަކީ ދިވެހި އަސްކަރިއްޔާއަށާއި ގައުމަށް ލިބުނު ބޮޑު ހިތާމައެއްގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.