MTCC

މާރުކޭޓު މަޝްރޫއު މަޑުޖެހިފައިވަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: މިނިސްޓްރީ

a830b7ed-25ff-4eea-964a-19a1de0b586d

މާރުކޭޓު މަޝްރޫއު މަޑުޖެހިފައިވަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: މިނިސްޓްރީ

SHARE

މާލޭގެ މާރުކޭޓު ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ ބޮޑު މަޝްރޫއު ކުރިއަށް ނުގޮސް ލަސްވަނީ، ތަކުރާރުކޮށް އެދިގެން ވެސް މާލެ ސިޓީ ކައުންސިލުން ބިން ހަވާލުނުކުރާތީ ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ހާމަކޮށްފިއެވެ.

މާލޭގައި އަޅާ "ވެޓް މާކެޓް ކޮމްޕްލެކްސް" ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ މާޗް މަހު 15 ވަނަ ދުވަހުގައެވެ. މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަސައްކަތް ފެށުމަށް ބޭނުންވާ ފައިނޭންސް ހަމަޖެހި، މިނިސްޓްރީގެ ފަރާތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިދާރީ ކަންކަމެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ވެސް އަމަލީ މަސައްކަތަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ނަމަވެސް، މަޝްރޫއު ކުރިއަށް ނުގެންދެވި އޮތީ ބިން ހަވާލުނުކޮށްގެން ކަމަށް މިނިސްޓްރީން ބުނެއެވެ. ބިން ހޯދުމަށް ސިޓީ ކައުންސިލުގައި ހަތަރު ފަހަރެއްގެ މަތިން އެދިފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް އިޖާބައެއް ލިބިފައިނުވާތީ މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މި މަޝްރޫއު ނުފެށި އޮތް ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައި ނުވުމެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މަޝްރޫއުގެ ތަފްސީލު:މި މަޝްރޫއުގެ ދަށުން ބިނާކުރާ ވެޓް މާކެޓް ކޮމްޕްލެކްސް އަކީ ހަ ބުރީގެ ޒަމާނީ އިމާރާތެކެވެ. އެ ކޮމްޕްލެކްސް ގައި:

  • ބޭސްމަންޓް: އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަ ޖާގަ.
  • ގްރައުންޑް ފްލޯ: މަސް މާރުކޭޓު.
    1، 2 އަދި 3 ވަނަ ފްލޯ: ކަނޑުއޮތްގިރި އަދި ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މޭވާ އާއި ތަރުކާރީ މާރުކޭޓު.
  • ޓެރަސް: ފުޑް ކޯޓުތައް.

ޖުމްލަ 85,000 އަކަފުޓުގެ މި އިމާރާތުގައި ފަސް ލިފްޓާއި، މަސް ބެހެއްޓުމަށް ޚާއްސަ ސްޓެއިންލެސް ސްޓީލް ކިއޮސްކްތަކުގެ އިތުރުން ފަސް ޓަނުގެ އައިސް މެޝިނެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 117 މިލިއަން ރުފިޔާއެވެ. ދެ އަހަރު ތެރޭގައި ނިންމަން ހަވާލުކުރި މި މަސައްކަތުގެ ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ 50 މަސް ދުވަހަށް ބަހާލައިގެންނެވެ.

ހައުސިން މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މިފަދަ މަޝްރޫއުތައް ވީއެންމެ އަވަހަކަށް ނިންމައި، ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުން ކަމަށެވެ. އެހެންކަމުން، ސިޓީ ކައުންސިލުން ބިން ހަވާލުކުރިހާ އަވަހަކަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.