MTCC

މަގުމަތީގެ ޤަވާއިދުތަކަށް ބޯލަނބައި، ރައްކާތެރިކަން އިސްކުރަން އިލްތިމާސްކުރައްވައިފި

Naib-Raees-hussain-22-1024x683

މަގުމަތީގެ ޤަވާއިދުތަކަށް ބޯލަނބައި، ރައްކާތެރިކަން އިސްކުރަން އިލްތިމާސްކުރައްވައިފި

SHARE

މަގުމަތީގެ ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، އެންމެންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި އެއީ އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތިމާގެ ފަރާތުން ކޮށްދެވޭނެ އެންމެ މުހިންމު އެއް ކަންތައްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ޕޯސްޓުގައި ވަނީ، ފަރުވާކުޑަކަމާއެކު ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ސަބަބުން ކުރިމަތިވެދާނެ ހިތާމަވެރި ހާދިސާތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެފަދަ ކަންކަމަކީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ތިމާއާއި އަނެކާގެ ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުކޮށްލަފާނެ ކަމެއްކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.

މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކަކީ ރާއްޖޭގައި ބޮޑު ކަންބޮޑުވުމަކަށް ވެފައިވާއިރު، މިފަދަ ހާދިސާތަކުގައި ގިނަ ބަޔަކު ދުނިޔެ ދޫކޮށްފައިވެއެވެ. މީގެ އިތުރުން، އެކްސިޑެންޓުތަކުގައި ލިބޭ ބޮޑެތި އަނިޔާތަކުގެ ސަބަބުން އުމުރު ދުވަހަށް ނުކުޅެދޭ ހާލަތުގައި ދިރިއުޅެން ޖެހިފައިވާ އެތައް ބަޔަކު ތިބިކަންވެސް ފާހަގަކުރެވެއެވެ.

ފުލުހުންގެ އިދާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެކަނިވެސް މަގުމަތީގެ އެކްސިޑެންޓުތަކުގެ 1,064 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އެހެންކަމުން، މަގުމަތި ބޭނުންކުރާ ހުރިހާ އެންމެންގެ ސަލާމަތަށްޓަކައި ޒިންމާދާރުކަން އިސްކޮށް، މަގުމަތީގެ ޤަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ނައިބު ރައީސް ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.