މޯލްޑިވްސް ޒަކާތު ހައުސްއިން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ދިވެހި ދަރިވަރުންނަށް 30 ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތުތަކަކީ މާސްޓާސް އަދި ޕީއެޗްޑީ ފެންވަރަށް އިސްލާމީ ތަފާތު ދާއިރާތަކުން ތައުލީމު ހާސިލުކުރުމަށް ދޭ ފުރުސަތުތަކެކެވެ. ޒަކާތު ހައުސްއިން މައުލޫމާތު ދޭ ގޮތުގައި، މި ސްކޮލާޝިޕްތަކުގެ ތެރެއިން 10 ފުރުސަތު ހަމަޖައްސާފައިވަނީ ރާއްޖޭގައި ތިބެގެން ކިޔެވުމަށެވެ. އަދި ބާކީ 20 ފުރުސަތަކީ ރާއްޖެއިން ބޭރުން ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ.
މި ސްކޮލާޝިޕްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިސްލާމީ ޝަރީއާއާއި، ޤުރްއާނާ ބެހޭ އިލްމާއި، ފިޤުހާއި، އިސްލާމީ ނޫސްވެރިކަމުގެ އިތުރުން އިސްލާމީ ލީޑާޝިޕް އެންޑް މެނޭޖްމަންޓް ފަދަ މުހިންމު ދާއިރާތަކަށެވެ. މީގެ އިތުރުން، އިސްލާމީ ތައުލީމާއި، ދިރާސާކުރުމާއި ޝާއިއުކުރުން ފަދަ ދާއިރާތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.
ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އައިޔޫއެމް، އެމްއެންޔޫ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖުން ކިޔެވުމުގެ ފުރުސަތު އޮންނާނެއެވެ. ރާއްޖެއިން ބޭރުގައި ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީއާއި، މެލޭޝިއާގެ އައިއައިޔޫއެމް، އިންސިފް އަދި ޔޫއެސްއައިއެމްގެ އިތުރުން ބުރުނާއީގެ ޔޫބީޑީ އަދި ޕާކިސްތާނުގެ އައިއައިޔޫއައި ފަދަ މަޝްހޫރު ޔުނިވާސިޓީތަކުންނެވެ.
ޒަކާތު ހައުސްއިން ވަނީ ބައެއް ޚާއްސަ ސްކީމުތަކެއް ވެސް ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ ފަސް ސްކޮލާޝިޕާއި، ސައުދީ އަރަބިއްޔާއާއި މިސްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް ދޭ ފަސް ފުރުސަތެއް ހިމެނެއެވެ.
މި ސްކޮލާޝިޕްތަކަށް ކުރިމަތިލާ ދަރިވަރުންނަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށް ވާންޖެހެއެވެ. އަދި އެއީ މާލީ އެހީތެރިކަމަށް ބޭނުންވާ، އެމްކިއުއޭ ގަބޫލުކުރާ ފުލްޓައިމް ކޯހެއްގައި އެންރޯލްވެފައިވާ ދަރިވަރުންނަށް ވާންޖެހޭނެއެވެ. މީގެ އިތުރުން، އެހެން އެއްވެސް މުއައްސަސާއެއްގެ މާލީ އެހީތެރިކަން ލިބޭ ދަރިވަރަކަށް ވެގެން ނުވާނެއެވެ.
ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޖުލައި މަހުގެ 16 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ޒަކާތު ހައުސްގެ scholarship@zakathouse.gov.mv އީމެއިލް އެޑްރެހަށެވެ.