MTCC

ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އދ. އަށް ހުށަހެޅި ގަރާރު ކޯ ސްޕޮންސާކޮށްފި

Ministry-of-Foreign-Affairs-Building

ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އދ. އަށް ހުށަހެޅި ގަރާރު ކޯ ސްޕޮންސާކޮށްފި

SHARE

ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަރަބި ގައުމުތަކުން އިސްނަގައިގެން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފިއެވެ.

މި ގަރާރަކީ ބަހުރައިން، ކުވައިތު، ގަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޖޯޑަން އިން އިސްނަގައިގެން ހުށަހަޅާފައިވާ ގަރާރެކެވެ. މީގެ މައިގަނޑު މަގުސަދަކީ ހޮރްމޫޒް ކަނޑުއޮޅީގައި މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ހައްގު ދެމެހެއްޓުމާއި، ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތަކަށް ހިމާޔަތް ހޯދައިދިނުމެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ގަރާރު ކޯ-ސްޕޮންސާ ކުރަން ރާއްޖެއިން ނިންމި ނިންމުމަކީ ކަނޑުގެ ގާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ގަބޫލުކުރާ ބައިނަލްއަގުވާމީ އުސޫލުތައް ދެމެހެއްޓުމަށް ނިންމި ނިންމުމެއް ކަމަށެވެ. މީގެ ތެރޭގައި "ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ" (UNCLOS) ގައި ބަޔާންކޮށްފައިވާ ދަތުރުފަތުރުކުރުމުގެ މިނިވަންކަން ހިމެނެއެވެ.

ޚާރިޖީ ވުޒާރާއިން އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، މި ގަރާރުގައި ބައިވެރިވުމުގެ ސަބަބުން ރާއްޖެ ފަދަ ޖަޒީރާ ނުވަތަ އާޗިޕެލަޖިކް ގައުމުތަކަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ހާއްސަ ހައްގަކަށް ނުވަތަ އިހްތިސާސަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. އަދި ރާއްޖޭގެ ގައުމީ މަސްލަހަތަށް ނުވަތަ ކަނޑުގެ ސަރަހައްދީ އިހްތިސާސަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކުން ރާއްޖެ އިސްތިސްނާވާ ގޮތަށް މި ނިންމުން ބައްޓަންކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ދަނޑިވަޅަކީ ގަލްފުގެ މަސްރަޙު ނުތަނަވަސްވެފައިވާ ވަގުތަކަށް ވުމާއެކު، މަސްރަޙު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަކީ ރާއްޖެއިން އިސްކަންދޭ ކަމެއް ކަމަށް ސަރުކާރުން ހާމަކުރެއެވެ. ޚާއްސަކޮށް ބައިނަލްއަގުވާމީ ވިޔަފާރި ނިޒާމަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި ރާއްޖެ ފަދަ މުދަލަށް ބަރޯސާވާ ގައުމުތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ބާރުއެޅުމަކީ މި ގަރާރުގައި ބައިވެރިވުމުގެ މުހިންމު ސަބަބެކެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދަށުން، ބައިނަލްއަގުވާމީ މައިދާނުގައި އިސްލާމީ ގައުމުތަކާއި އަދި އަވަށްޓެރި ގައުމުތަކާ ގުޅިގެން ސަރަހައްދީ ހަމަޖެހުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ކަމެކެވެ.