MTCC

ޑައިވަރުން ގެންދިޔަ އުޅަނދުގެ ލައިސަންސް ސަސްޕެންޑްކޮށްފި

diving-duke-of-york-layout-liveaboard

ޑައިވަރުން ގެންދިޔަ އުޅަނދުގެ ލައިސަންސް ސަސްޕެންޑްކޮށްފި

SHARE

ވ. އަތޮޅުގެ ފުން ކަނޑެއްގައި ހިނގި ނުރައްކާތެރި ޑައިވިންގ ހާދިސާއަކާ ގުޅިގެން، "އެމް.ވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިންގ ލައިސަންސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަގުތީ ގޮތުން ހިފަހައްޓައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމްއެންޑީއެފް ކޯސްޓްގާޑަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އެ ދުވަހުގެ މެންދުރު 13:45 ހާއިރުއެވެ. މި ހާދިސާގައި އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީވިލާތުގެ 5 މީހަކު ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޑައިވިންގ އިންސްޓްރަކްޓަރަކާއި 4 ފަތުރުވެރިންނެވެ.

މިހާތަނަށް ކުރި މަސައްކަތުން، ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑު ވަނީ ކަނޑުގެ 60 މީޓަރު އަޑިން ފެނިފައެވެ. ނަމަވެސް، އެކުގައި ދިޔަ އިތުރު 4 ފަތުރުވެރިން އަދިވެސް ފެނިފައެއް ނުވެއެވެ. އެމްއެންޑީއެފްއިން ބުނާ ގޮތުގައި، މި މީހުން ގެއްލިފައިވަނީ 45 މީޓަރު އަޑިން ފެށިގެން 60 މީޓަރު އަޑިއަށް ދާ ގާތްގަނޑަކަށް 200 ފޫޓު ދިގު ނުރައްކާތެރި ކޭވްއެއްގެ ތެރެއަށެވެ. މިއީ އާދައިގެ ޑައިވަރުންނަށް ފީނޭ ވަރަށްވުރެ ފުން، އަދި ޚާއްޞަ އާލާތްތައް ބޭނުންކޮށްގެން ނޫނީ ނުފީނޭނެ ފަދަ ނުރައްކާތެރި ސަރަޙައްދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ހާދިސާގެ ސީރިއަސްކަމަށް ބަލައި، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި "އެމް.ވީ ޑޫކް އޮފް ޔޯކް" ގެ ލައިސަންސް ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރަން ނިންމީ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް އެ ވުޒާރާއިން ވަނީ ހަމްދަރުދީ ފޮނުވާފައެވެ.

ރާއްޖޭގެ ކަނޑުތަކަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަކީ ހުރިހާ އޮޕަރޭޓަރުންގެ ޒިންމާއެއްކަން ފާހަގަކޮށް، ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރުވެސް ދަނީ ގެއްލުނު މީހުން ހޯދުމަށް "ހައި ރިސްކް" އޮޕަރޭޝަނެއް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަމުންނެވެ.