އައްޑޫ ސިޓީގެ "އައްޑޫ ރީޖަނަލް ފްރީ ޒޯން" ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
އައްޑޫ ހައިސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ހޯމް މިނިސްޓަރު އަލީ އިހްސާން އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސާދީ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ދެކުނުގެ ސަރަޙައްދު އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށް ފެށުނު މުހިންމު ފިޔަވަޅެކެވެ.
ހިތަދޫ ސަރަހައްދީ ބަނދަރުގައި ގާއިމުކުރާ މި ފްރީ ޒޯން ހިންގުމަށްޓަކައި ހިތަދޫ ޕޯޓް ލިމިޓެޑްގެ ސަރަހައްދުން 1.7 ހެކްޓަރުގެ ބިން ވަނީ ހާއްސަކުރެވިފަ އެވެ. މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ ދަށުން 20،000 އަކަފޫޓުގެ ސަރަހައްދެއް އިންވަކިކޮށް، އަމަލީ މަސައްކަތްތައް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.
ފްރީ ޒޯންތަކަކީ މުދާ އެތެރެކުރުމަށްފަހު، އަލުން އެހެން ގައުމުތަކަށް އެކްސްޕޯޓްކުރުމާ ހަމައަށް ޑިއުޓީ ދެއްކުމަކާ ނުލައި މުދާ ރައްކާކޮށް ބެލެހެއްޓޭނެ ނިޒާމެކެވެ. އެމްޕީއެލްއިން ހާމަކުރި ގޮތުގައި، މި ސަރަހައްދުން ޑިއުޓީ ފްރީ ސްޓޯރޭޖާއި، ވެހިކަލް ރީފާބިޝްމެންޓާއި، އުފެއްދުންތެރިކަމުގެ ސިނާއަތްތަކުގެ އިތުރުން ބޮންޑެޑް ސްޓޯރޭޖާއި ރީ-އެކްސްޕޯޓް ކުރުމުގެ ހިދުމަތްތަކަށް ބިން ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިކަމަށް ބޭނުންވާ ބިންތައް ދޫކުރާނެ އަގުތައްވެސް މިހާރު ވަނީ ކަނޑައަޅައި އިއުލާންކޮށްފަ އެވެ.
މިއަހަރުގެ ކުރީކޮޅުން ފެށިގެން ބާރުމިނުގައި ކުރިއަށްދާ މި މަޝްރޫއުކީ އެމްޕީއެލް، އިކޮނޮމިކް މިނިސްޓްރީ، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި ސަރުކާރުގެ ކަމާގުޅުންހުރި އެކި މުއައްސަސާތައް ގުޅިގެން ހިންގާ ބޮޑު މަޝްރޫއެކެވެ.