MTCC

ބޮޑުތަކުރުފާނު މަގު ހެދުމުން: ޝީޓް ޕައިލް ކުރުމުގެ 63 އިންސައްތަ މަސައްކަތް ނިންމާލައިފި

20260513_171324

ބޮޑުތަކުރުފާނު މަގު ހެދުމުން: ޝީޓް ޕައިލް ކުރުމުގެ 63 އިންސައްތަ މަސައްކަތް ނިންމާލައިފި

SHARE

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ، މަސައްކަތުގެ 2، 3 އަދި 4 ވަނަ ސެގްމަންޓްގައި ޝީޓް ޕައިލް ޖެހުމުގެ 63 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެއީ ޖުމްލަ 330 މީޓަރުގެ ސަރަހައްދެކެވެ.

މިހާރު ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެނާއި ވޭސްޓް ވޯޓަރ މައި ހޮޅިތައް ވަޅުލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، ފެންހިންދާ ނިޒާމުގެ ކެޗްޕިޓްތަކާއި ވަޅުތައް ބެހެއްޓުމާއި، އެންކަރ ބްލޮކްތަކާއި ކުއޭވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މަޝްރޫޢުގެ މުހިންމު މަރުޙަލާއެއްގެ ގޮތުން، އަންނަ ހަފުތާގައި ކުއޭވޯލް ކެޕިންގ ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަގުގެ ދުވާރު ހެދުމުގެ މަސައްކަތަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ. ހަމައެއާއެކު، 5 ވަނަ ސެގްމަންޓްގައި ގަސް އިންދުމާއި ލޭންޑްސްކޭޕިންގ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރަމުންނެވެ.

މި ސަރުކާރުން މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ފަށްޓަވާފައިވާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ތަރައްޤީކުރާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރާނެއެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ތާރު އަޅައި، ހިނގާ މީހުންނަށް ޚާއްސަ ލޭނެއް ގާއިމުކުރުމެވެ. އަދި މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ހަރުދަނާ ފެންހިންދާ ނިޒާމެއް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭނެއެވެ.

އެމްޓީސީސީގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.