MTCC

މާލެ ސަރަހައްދުން ހިމަބިހީގެ ދެ ކޭސް, ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

images

މާލެ ސަރަހައްދުން ހިމަބިހީގެ ދެ ކޭސް, ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

SHARE

މާލެ ސަރަހައްދުން ދެ މީހަކު ހިމަބިހި (މީސްލްސް) އަށް ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މައުލޫމާތު ދެއްވި ގޮތުގައި، މި ދެ މީހުންނަށް ބަލި ޖެހިފއިވާކަން އެނގިފައިވަނީ މި ހަފްތާގެ ތެރޭގައެވެ. މި ކޭސްތައް ފެނުމާ ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް އެ އޭޖެންސީން މިހާރު ވަނީ ފަށާފައެވެ.

އެގޮތުން، ބަލި ޖެހުނު މީހުންނަށް ބަލި އެރި ގޮތް ދެނެގަތުމަށް ކުރާ "ވޭދަ ތަހުގީގު" ކުރުމާއި، އެ މީހުންނާ ގާތުން އެއްތާވި މީހުން (ކްލޯޒް ކޮންޓެކްޓްސް) ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ބަލިޖެހުނު މީހުންނާ އެއްތާވި މީހުންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 5 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން ރާއްޖެ އައި 2 މީހަކާއި، ރާއްޖެ ތެރެއިން ބަލި ފެނުނު 3 މީހުންނެވެ.

އެޗްޕީއޭއިން ފާހަގަކުރި ގޮތުގައި، މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި ރާއްޖެއާ އަވަށްޓެރި ގައުމުތަކުގައިވެސް ހިމަބިހި ފެތުރުން އިތުރުވަމުންދާ ދުވަސްވަރެކެވެ. އެހެންކަމުން، ބަލީގެ އަލާމާތްތަކަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ގަދައަށް ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވީއިރު، މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ އިތުބާރު ހުރި ވަސީލަތަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން ކަމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.