MTCC

ކޯޓު އަމުރާ ހިލާފުވި މައްސަލައިގައި ޝަހުޒާން އާއި ލިވާން ޖަލަށް ހުކުމްކޮށްފި

Screenshot 2026-05-12 212649

ކޯޓު އަމުރާ ހިލާފުވި މައްސަލައިގައި ޝަހުޒާން އާއި ލިވާން ޖަލަށް ހުކުމްކޮށްފި

SHARE

"އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވި މައްސަލައިގައި، އެ ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ "އަދަދު" ނޫހުގެ ނޫސްވެރިޔާ އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ނައިބު ރައީސް މުހައްމަދު ޝަހްޒާން އާއި އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރުގެ މައްޗަށެވެ. ކޯޓުން ހުކުމްކުރީ ޝަހްޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށެވެ.

ޝަހްޒާންގެ މައްޗަށް މި ހުކުމް އައީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޯޓު އަމުރުން މަނާކޮށްފައިވާ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ސުވާލުކޮށް، ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމުމާ ގުޅިގެންނެވެ. ލީވާންގެ މައްޗަށް ހުކުމްކުރީ އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން އޭނާ ލިޔުނު ޚަބަރެއްގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައިގެންނެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ނެރުނު އަމުރުގައި ވަނީ "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް އާންމު ނުކުރުމަށާއި، އެ ވީޑިއޯ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް އަމުރުކޮށްފައެވެ. އަދި އޭގައިވާ ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް ކޯޓުން އޮތީ އަންގާފައެވެ.

ގާޒީ މުޒައްމިލް ނާސިރު ސޮއިކުރައްވައި ނެރުއްވި މި އަމުރުގައި ބުނެފައިވަނީ، މިއީ މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމަށާއި، މީހުންގެ އަބުރު ރައްކާތެރިކުރުމުގެ ގޮތުން ނެރުނު އަމުރެއް ކަމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ ލިޔުންތަކާއި މައުލޫމާތު ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށްވެސް އަމުރުގައިވެއެވެ.

ރައީސް ޑރ. މުއިއްޒަށް ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން އާންމުކުރި މި ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން މިހާރު ވަނީ ގަޒުފްކުރުމުގެ ދައުވާ އުފުލާފައެވެ.

ކޯޓުން ވިދާޅުވި ގޮތުގައި މިފަދަ އަމުރެއް ނެރެން ޖެހުނީ، ޝަރުއީ ކޯޓަކުން ކުށެއް ސާބިތުނުވާހާ ހިނދަކު އެމީހަކީ ކުށްވެރިއެއް ކަމަށް ނުބެލެވޭނެތީ، ދައުވާ ލިބޭ ފަރާތާއި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހައްގުތައް ހިމާޔަތްކުރުމަށެވެ.