މީޑިއާ ރެގިއުލޭޓް ކުރާ ބިލް ބަލައިގަނެ ކޮމިޓީއަށް ދިރާސާކުރަން ފޮނުވައިފި

-

މީޑިއާ ރެގިއުލޭޓް ކުރާ ބިލް ބަލައިގަނެ ކޮމިޓީއަށް ދިރާސާކުރަން ފޮނުވައިފި

SHARE

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.

ބުދަ ދުވަހު މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ 49 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އެ ބިލު ބަލައިގަތުމަށް ނުފެންނަކަމަށް 12 މެންބަރުން ވޯޓުދެއްވިއެވެ. ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އެއް މުއައްސަސާއަކަށް ހެދުމަށް މިދިޔަ އަހަރުވެސް ހަންނާން ހުށަހެޅުއްވި އެވެ. އެ ބިލަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އޭނާ އެ އިސްލާހުތައް އަނބުރާ ގެންދެވީ އެވެ. “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” ގެ ނަމުގައި މިފަހަރު ބިލު ހުށަހެޅުއްވި، މެމްބަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށާއި ބްރޯޑްކާސްޓިން މީޑިއާ ހިމެނޭ ގޮތަށް މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމަށެވެ. ބިލުގައި، ދިވެހިރާއްޖޭގައި ހިންގާ މީޑިއާތައް ރެގިއުލޭޓްކުރާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، ވަކި ކޮމިޝަނެއް އެކުލަވާލުމަށް ވަނީ ހިމަނާފައެވެ.

އެ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ބެހޭ މައްސަލަތަކުގައި ސަރުކާރަށް ލަފާދިނުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމަށް ގާނޫނުއަސާސީންނާއި ގާނޫނުން ބާރު ލިބިދޭ މިނިވަންކަން ދިރުވައި އާލާކުރުމާއި އެ ކަންކަމާ ގުޅޭގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން ހިމެނެ އެވެ. ދޮގު ޚަބަރު ފަތުރާ ވަސީލަތްތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރިކޯށްދޭ ފަރާތްތަކަށް އަންގައި އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުން ވެސް އެ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ.