ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި 4،000 މީހުންގެ ތެރެއިން، ޝަރުތު ހަމަނުވާ 450 މީހެއްގެ ފްލެޓް އަތުލާފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްތަލިބް ވިދާޅުވީ، މި ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާތިލުކުރަން ޖެހުނީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. އެއީ ފޯމު ހުށަހެޅިއިރު ދޮގު މައުލޫމާތު ދީފައިވުމާއި، ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އަސާސީ ޝަރުތުތައް ފުރިހަމަ ނުވުމެވެ.
ލިސްޓު މުރާޖައާ ކުރުމުގެ ތެރެއިން ފާހަގަވި ބައެއް މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 76 އަށް ވުރެ ގިނައިން މާކްސް ލިބުނު 500 އެއްހާ މީހުންނަށް ފްލެޓް ނުލިބި ތިއްބާ، 75 މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށެވެ. އެހެންކަމުން، ކުރިން ކޮށްފައިވާ ގެޒެޓާ އެއްގޮތަށް އިންސާފުވެރިކޮށް ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ދޮގު މައުލޫމާތު ދީފައިވާ ފަރާތްތައް ވަރަށް ބޮޑަށް ބަލައި ކެންސަލް ކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންމަ އެގޮތުން އަޅުގަނޑުމެން ބެލި ކަމަކީ އޭރުގަ ކޮށްފަ އޮތް ގެޒެޓުގަ ފްލެޓްތައް ދޭން ކަނޑައަޅާފައި ހުރި 76 އިން ފެށިގެން މަތީގެ ފަރާތްތަކަށް ދިނުމާއި އަދި 75 ގަ އެލޮކޭޓްކޮށްފަ ސޮއިކޮށްފަ ތިބި ފަރާތްތަކަށް އޮޕްޝަންތަކެއް ދިނުން" މުއްތަލިބް ވިދާޅުވިއެވެ.
މި މުރާޖައާގެ ދަށުން، 75 މާކްސް ލިބިގެން 3 ކޮޓަރީގެ ފްލެޓް ލިބުނު ފަރާތްތަކުގެ އެޕްލިކޭޝަންތައް މިހާރު ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ފަރާތްތަކަށް 2 ކޮޓަރީގެ ފްލެޓް ދިނުމުގެ ފުރުސަތު އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލި މި ލިސްޓު މުރާޖައާ ކުރުމަށް މިހާރުގެ ސަރުކާރުން ވަނީ ހާއްސަ ކޮމިޓީއެއް އުފައްދާފައެވެ. ވަޒީރު މުއްތަލިބް ކުރިން ލަފާކުރެއްވި ގޮތުގައި، ޝަރުތު ހަމަނުވުމުގެ ސަބަބުން މުޅި ޖުމްލަ 700 އެއްހާ މީހުން ލިސްޓުން އުނިވުމަކީ އެކަށީގެންވާ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ އެއްވެސް އޮޅުވާލުމެއް ނެތި، ހައްގުވެރިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.