MTCC

ސީޔޫބީއެންގެ ނަމުގައި ސްކޭމެއް ހިންގާކަމުގެ ތުހުމަތު ނަޝީދަށް

ފޮޓޯ/ މަޖިލިސް

ސީޔޫބީއެންގެ ނަމުގައި ސްކޭމެއް ހިންގާކަމުގެ ތުހުމަތު ނަޝީދަށް

SHARE

ކޮމަންވެލްތު ޔޫނިއަން ބްލޮކްޗެއިން ނެޓްވޯކް" (ސީޔޫބީއެން)ގެ ނަމުގައި ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ ސީޑަބްލިއު ކްރިޕްޓޯ ޓޯކެންއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ދުނިޔޭގެ ގިނަ ލީޑަރުން ހިންގާ ސައްހަ ނޫން، މަކަރާ ހީލަތުން ފުރިގެންވާ ކްރިޕްޓޯ ޕްރޮޖެކްޓެއް ކަމަށް ތުހުމަތުކޮށްފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ސީޔޫބީއެން ޕްރޮމޯޓް ކުރަމުންދަނީ ނަޝީދު ހިމެނޭ ގޮތަށް، ދުނިޔޭގެ ތަފާތު ގައުމުތަކުގެ ލީޑަރުންގެ ތާއީދާ ގުޅިގެންނެވެ. ނަމަވެސް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ސީޔޫބީއެންއަކީ ފްރޯޑެއް ކަމަށް ތުހުމަތު ކުރަމުންނެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް’ގައި 'ޖުބްރާން ޝަރީފް’ގެ ނަމުގައި ހިންގާ އެކައުންޓަކުން ވަނީ، ސީޔޫބީއެންގެ ނަމުގައި ސޯލާނާ ބްލޮކްޗެއިންގައި މިދިޔަ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު ތައާރަފުކޮށްފައިވާ ޓޯކެންއަކާ ގުޅޭ ތުހުމަތުތަކެއް އާންމުކޮށްފައެވެ. އެ ތުހުމަތުތަކުގައި ބުނެފައިވަނީ، ނަޝީދާއި ދުނިޔޭގެ އެހެން ބައެއް ލީޑަރުންގެ ނަން ބޭނުންކޮށްގެން ބޮޑު އޮޅުވާލުމެއްގެ ތެރެއިން ސްކޭމެއް ހިންގަމުންދާ ކަމަށެވެ.

ތުހުމަތު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ސީޔޫބީއެންގެ ކްރިޕްޓޯ ވޮލެޓްތަކުގެ ތެރެއިން 195 ވޮލެޓަކުން ޓޯކެންގެ ސަޕްލައިގެ 73 ޕަސެންޓަށް ވުރެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދެ އެވެ. ހަމައެހެންމެ، ޓޯކެން ލޯންޗް ކުރި ވަގުތު، ހިމެނޭ ހުރިހާ ވޮލެޓްތަކެއް ވެސް ތައްޔާރު ކޮށްފައިވަނީ އެންމެ ސިކުންތެއްގެ ތެރޭގައި، އެއް ސްކްރިޕްޓަކުން ކަމަށް ވެސް ތުހުމަތު ކުރާ ފަރާތްތަކުން ބުނެއެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވައި ނަޝީދު، ވަނީ "އެކްސް"ގައި ބަޔާނެއް ނެރުއްވާފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި، ޑިޖިޓަލް ފައިސާ، ޓޯކެނައިޒޭޝަން، އަދި ބްލޮކްޗެއިން އިންފްރާސްޓްރަކްޗާ ދެން ހިޔާލީ ކަންތައްތަކެއް ނޫނެވެ. ދުނިޔޭގެ މާލީ ނިޒާމު ހަލުވި ދުވެއްޔެއްގައި ބަދަލުވަމުންދާ ކަމަށާއި، ބްލޮކްޗެއިން ޓެކްނޮލޮޖީ ދެން ވަމުން ދަނީ ދުނިޔޭގެ މާލީ ސްޓްރެޓީޖީގެ ބަޔަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިއީ ކުއްލިއަކަށް ފައިދާ ލިބޭ ކަމަށް ބުނާ ނެރޭޓިވްއެއް ނޫން. މިއީ ސިޔާސަތެއްގެ ދަށުން، ރެގިއުލޭޓްކޮށް ބެލެހެއްޓޭ ޑިޖިޓަލް އެކޯސިސްޓަމެއް ކޮމަންވެލްތާއި ކޮމަންވެލްތުން ބޭރުގައި ވެސް ގާއިމްކުރަން ކުރާ މަސައްކަތެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ސީޔޫބީއެންއަކީ ރާއްޖެ ވެސް ބައިވެރިވާ ކޮމަންވެލްތުގެ 19 ގައުމަކުން ބަލައިގަނެފައިވާ ޑިޖިޓަލް ރައުސްމާލާ ބެހޭ "މޮޑެލް ގާނޫނަކަށް" ބިނާކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަޝްރޫއު ގުޅިފައިވަނީ ކޮމަންވެލްތްގެ 56 ގައުމަކާއި، މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ހަތް ގައުމަކާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ތަސައްވުރަކީ ދުނިޔޭގެ 2.7 ބިލިއަން މީހުންނަށް އިތުބާރު ހުރި ޑިޖިޓަލް އެސެޓް އޮނިގަނޑެއް ގާއިމުކޮށްދިނުމެވެ.

ސީޔޫބީއެންގެ ތެރޭގައި ހިމެނޭ ކަންތައްތަކެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވީ ގައުމުތަކުގެ ދެމެދުގައި ފައިސާ ފޮނުވޭނެ ނިޒާމުތަކާއި، ޑިޖިޓަލް އައިޑެންޓިޓީ އަދި ޓޯކަނައިޒޭޝަން އޮނިގަނޑުތަކާއި، ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީއަށް ތައްޔާރުކޮށްފައިވާ އިންފްރާސްޓްރަކްޗަރެއްގެ އިތުރުން، އެކި ގައުމުތަކުގެ ގަވާއިދުތައް އެއްގޮތްކުރުމެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، ސީޔޫބީއެންގެ މަސައްކަތަށް ލަފާ ދެނީ ބައިނަލްއަގްވާމީ އެޑްވައިޒަރީ ބޯޑަކުންނެވެ. އެ ބޯޑުގައި ތަފާތު ގައުމުތަކުގެ ކުރީގެ ބޮޑުވަޒީރުންނާއި، ރެގިއުލޭޓަރުންނާއި، މަރުކަޒީ ބޭންކްތަކުގެ ކުރީގެ ބޭފުޅުންނާއި، ދާއިރާގެ ތަޖުރިބާކާރު ލީޑަރުން ހިމެނޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިއީ ކަނޑައެޅިގެން ފައިދާ ލިބޭނެ ކަމުގެ ޔަގީންކަންދޭ ނުވަތަ އާންމުންގެ އަތުން ފައިސާ ހޯދުމަށް ބޭނުންކުރާ މޮޑެލްއެއް ނޫން. މީގެ ބަދަލުގައި، މައިގަނޑު އަމާޒަކީ ގަވާއިދުތަކަށް ފެތޭ ޑިޖިޓަލް ފައިނޭންސް އިންފްރާސްޓްރަކްޗަރެއް ބިނާކުރުން،" ނަޝީދުގެ ބަޔާނުގައި ވިދާޅުވިއެވެ.

ސީޔޫބީއެންގެ ސައްހަ ކަމާ މެދު ސުވާލު ކުރާ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި، ކްރިޕްޓޯ ދާއިރާގައި ކުރިން ހިނގާފައިވާ ގިނަ ފްރޯޑް ސްކީމްތަކުގައި ވެސް ބޭނުންކޮށްފައިވަނީ ހަމަ މި ފަދަ ރިހިލިސާނު ވާހަކަތަކެވެ. ނަމަވެސް ނަޝީދު ވިދާޅުވަނީ ސީޔޫބީއެން ތަފާތު ވާނެ ކަމަށާއި، ރެގިއުލޭޓަރީ އޮނިގަނޑެއްގެ ތެރެއިން ހިންގޭ ޒިންމާދާރު ޑިޖިޓަލް ފިނޭންޝަލް ޕްލެޓްފޯމެއް ކަމަށެވެ.

ސީޔޫބީއެންގެ ކްރިޕްޓޯ ޓޯކެންގެ ސައްހަ ކަމާ ގުޅޭ ގޮތުން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ރަސްމީ ބަހެއް ދީފައި ނުވާ ކަން ފާހަގަ ކުރެވެއެވެ.