MTCC

ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރު ދައްކާ ޚަލާސްކޮށްފި

ފޮޓޯ: ރައީސް

ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރު ދައްކާ ޚަލާސްކޮށްފި

SHARE

ކުރީގެ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ދައްކައި ޚަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިއަދު ދައްކާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ވެރިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޓްރެޝަރީ ބިލް ވިއްކައިގެން ނަގާފައިވާ ލޯނުގެ ބައެއް ކަމަށެވެ. ކުރީގެ ސަރުކާރުން އިންޑިއާ އަތުން ޖުމްލަ 200 މިލިއަން ޑޮލަރު ހޯދާފައިވާއިރު، އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. ބާކީ ހުރި 150 މިލިއަން ޑޮލަރުގެ ދަރަނި ކުރީގެ ސަރުކާރުން ދައްކާފައެއް ނުވެއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ދަރަނިތައް ކުރީގެ ސަރުކާރުން ދިޔައީ އެއް އަހަރުން އަނެއް އަހަރަށް "ރޯލް އޯވާ" ކުރަމުން ނުވަތަ ދެއްކުން ފަސްކުރަމުންނެވެ. ނަމަވެސް، މި ސަރުކާރުން މިދިޔަ ޖެނުއަރީ މަހު ވަނީ އޭގެ ތެރެއިން 50 މިލިއަން ޑޮލަރު ދައްކާފައެވެ. އަދި މިއަދު ދެއްކި 50 މިލިއަން ޑޮލަރާއެކު، މިހާރު ބާކީ އޮތީ އެންމެ 50 މިލިއަން ޑޮލަރެވެ.

"އިރާދަކުރެއްވިއްޔާ 17 ސެޕްޓެމްބަރުގައި އެ 50 ވެސް އަޅުގަނޑުމެން ދައްކައި ނިންމާނަން. އެހެންވީމަ މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަނި 150 މިލިއަން (ޑޮލަރު) ގެ ދަންތުރައިން ސަލާމަތްކޮށް މި ނިންމަނީ. ހަމައެފަދައިން ސުކޫކް ވެސް ޕޭކޮށް ނިންމީ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ 40 ދުވަހުގެ ތެރޭގައި މި ސަރުކާރުން ވަނީ ޖުމްލަ 974 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 524 މިލިއަން ޑޮލަރުގެ ސުކޫކް.
  • 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ.
  • އިންޑިއާއަށް ދެއްކި 50 މިލިއަން ޑޮލަރު.

ދައުލަތުގެ މަތީ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އިޤްތިސާދީ ގޮތުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތާމަ ކުރަން ދައުލަތުގެ މަގާމުތައް އަދާކުރައްވާފައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، އަދި ރާއްޖެއާ ބެހޭ ގޮތުން، މި ގައުމާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށްޓަކައި ރާއްޖޭގެ އިގްތިސާދު ހަލާކު ކުރުމަށްޓަކައި ހަގީގަތެއް ނެތް، އެއްވެސް އަސާސެއް ނެތް ގޮތަށް އެކި ކަހަލަ ވާހަކަތައް ދައްކަމުންދާތީ." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދަރަނިތައް ދައްކަމުންދާ އިރުވެސް، މުވައްޒަފުންގެ މުސާރައާއި، ތެލަށް ދައްކަންޖެހޭ ފައިސާއާއި، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޚަރަދުތަކަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.