މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް" ގެ 3 ވަނަ ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ.
ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ކެޓަގަރީއަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި ހިނގާ މަހުގެ ނިޔަލަށް ކަމަށެވެ.
ބިންވެރިޔާ ސްކީމާ ގުޅޭ އުސޫލަށް ގެނައި އިސްލާހާއެކު، ކެޓެގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ މައިގަނޑު ދެ ބަޔަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގައި ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ލިބުނު ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކެވެ. މީގެ އިތުރުން ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގޯތި ދޫކޮށްލުމަށްފަހު ވަކިވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށްވެސް މި ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އަލަށް ތަރައްޤީކުރާ ރަސްމާލެއިންނެވެ. މިގޮތުން ދޫކުރާ ކޮންމެ ގޯއްޗެއްގައި 1250 އަކަފޫޓު ހުންނާނެ ކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ.
ބިންވެރިޔާ ސްކީމްގެ ޚާއްސަ ކެޓެގަރީތައް މިހާރު ބެހިފައިވާ ގޮތަކީ:
- ކެޓަގަރީ 1: ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން.
- ކެޓަގަރީ 2: ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުން.
- ކެޓަގަރީ 3: ލިބުނު ގޯތި ދޫކޮށް ފުލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަން ހުށަހެޅި މީހުން ނުވަތަ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުންގެ ތެރެއިން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ މީހުން.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތަކީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު އިއުލާނުކުރި މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ޖުމްލަ 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ސްކީމަށް ބައެއް ކެޓަގަރީތައް އިތުރުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި، އާންމުން ހުށަހެޅި ޚިޔާލުތަކަށް ރިޢާޔަތްކުރެއްވުމަށްފަހުގައެވެ. ބޯހިޔާވަހިކަމުގެ މި ބޮޑު މަޝްރޫއުގެ އެކި ކެޓަގަރީތަކަށް އެދުމުގެ ފުރުޞަތު މި މަހުގެ ނިޔަލަށް ހަމަވާނެތީ، ވީހާވެސް އަވަހަށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.