ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު ދޫކުރުމުގެ އުސޫލުތަކަށް ގެނައި ބަދަލުތަކަކީ، ރާއްޖޭގައި ހުރި މަދު ޑޮލަރުކޮޅު ވީހާވެސް ގިނަ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ގެނައި އިސްލާހުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ތަރުޖަމާނު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި ބަދަލުތަކަކީ ގިނަ ބޭފުޅުންނަށް މަދު އަދަދެއްގެ ޑޮލަރު ނުވަތަ ހުރި ޑޮލަރެއް ސައްހަގޮތުގައި ލިއްބުވައިދިނުމުގެ ނިޔަތުގައި ގެންނެވި އިސްލާހުތަކެއް ކަމަށެވެ. އަދި ބީއެމްއެލްއަކީ މުޅި ދައުލަތަށްވެސް ވަރަށް މުހިންމު، އެހެން ފަރާތަކަށް ނުކުރެވޭ ފަދަ ބޮޑު ހިދުމަތްތަކެއް ކުރާ ބޭންކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ގިނަ ބޭފުޅުންނަށް މަދު އަދަދެއްގެ ޑޮލަރު ނުވަތަ ހުރި ޑޮލަރެއް ސައްހަގޮތުގައި ލިއްބުވައިދިނުމުގެ ނިޔަތުގައި ގެންނެވި އިސްލާހުތަކެއް އެއީ. ގަބޫލުކުރައްވާ ބީއެމްއެލްއަކީ އަޅުގަނޑުމެންގެ މުޅި ދައުލަތަށްވެސް ވަރަށް މުހިންމު އެހެން ފަރާތަކަށްވެސް ނުކުރެވޭވަރުގެ ބޮޑު ހިދުމަތްތަކެއް ކޮށްދެއްވާ ބައެއް. ބީއެމްއެލް ރައްޔިތުންގެ ބެންކަށް މިވަނީ އެހިސާބުން." ތަރުޖަމާނު ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެކުރާ ތެލާއި ކާބޯތަކެތީގެ އިތުރުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންވެސް ޑޮލަރަށް ބަރޯސާވާކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، ބޭންކަށްވެސް ޑޮލަރު ލިބެނީ ވަކި މިންވަރަކަށް ކަމަށެވެ. އެހެންކަމުން، ލިބޭ ފައިސާ ނަހަމަގޮތުގައި ބޭނުންކުރެވޭ މިންވަރު ކުޑަކުރުމަށާއި އެކަން އެޑްޖަސްޓުކުރުމަށްޓަކައި ބޭންކުން ދެ ފިޔަވަޅެއް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި، އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާ އެކައުންޓު ބޭނުންކޮށްގެން މަހަކު ހެދޭނީ 30 ޓްރާންސެކްޝަން ކަމަށް މުންދު ވިދާޅުވިއެވެ. މިއީ އިންޑިވިޖުއަލް ޔޫޒަރުންނަށް ދަތިނުވާނެ ގޮތަކަށް، ނަމަވެސް ވިޔަފާރި އުސޫލުން ކަލެކްޓިވްކޮށް ކުރާ މަސައްކަތްތައް ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅެކެވެ.
"ބެންކަށްވެސް ޑޮލަރު ލިބޭނީ ވަކި ވަރަކަށްތާ. އެ ލިބޭ ފައިސާ ނަހަމަގޮތުގައި ބޭނުންކުރެވޭ މިންވަރު ކުޑަކުރެއްވުމަށް ނުވަތަ އެކަން އެޑްޖަސްޓުކުރެއްވުމަށް ދެފިޔަވަޅު އެޅުއްވީ." ތަރުޖަމާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހި ރުފިޔާއިން ޓީޓީ ހައްދަވާ ކުންފުނިތަކަށް ވަކި ވަގުތެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެއީ ފްލޯޓަށް ފައިސާ އައިސް ކޮންމެ ދުވަހަކުވެސް އެ ފައިސާ ދައުރުވަމުންދާނެ ގޮތް ހެދުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.
ބޭންކަށް ޑޮލަރު ވަންނަ މިންވަރާއި ބޭރުވާ މިންވަރުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، 2025 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަހު 1.26 މިލިއަން ޑޮލަރު ބޭންކަށް ވަދެފައިވާއިރު، 1.03 މިލިއަން ޑޮލަރު ވަނީ ބޭރަށް ދޫކޮށްފައެވެ. އަދި މިއަހަރުގެ އެ މުއްދަތުގައި 1.59 މިލިއަން ޑޮލަރު ބޭންކަށް ލިބިފައިވާއިރު، 1.45 މިލިއަން ޑޮލަރު ބޭރަށް ނުކުމެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ އީކޮމާސް ޕްލެޓްފޯމްތަކަށް އަޅުގަނޑުމެންގެ ދިވެހި ރުފިޔާ އެކައުންޓު ބޭނުންކޮށްގެން މަހަކު 30 ޓްރާންސެކްޝަން ހެދޭނޭ، އެއަށްވުރެ ގިނައިން ނުހެދޭނޭ. އެކަމަކު އޭތި އިންޑިވީޖުއަލް ޔޫޒާއަކު ބޭނުންކުރުމާ ވިޔަފާރި އުސޫލުން ކަލެކްޓިވްކޮށް މަސައްކަތްކުރުމާއި ވަރަށް ތަފާތުވާނެ." ތަރުޖަމާނު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ފޯރުކޮށްދޭ ޖުމްލަ މިންވަރުގެ ތެރެއިން ތިން ޕަސެންޓަކީ ދިވެހި ރުފިޔާއިން ޑޮލަރު މާރުކޮށްގެން ފޯރުކޮށްދޭ މިންވަރު ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ދުވާލަކު 1.33 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށާއި، ބޭންކަށް ލިބޭ ޑޮލަރު އިތުރުވުމުން ކާޑު ލިމިޓަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. ޑޮލަރު ލިމިޓަށް ބަދަލު ގެންނަން ޖެހުނީ ފަތުރުވެރިން އަންނަ މިންވަރު މަދުވެ، ބޭންކަށް ލިބޭ ބޭރު ފައިސާ މަދުވުމާ ގުޅިގެން ޒަރޫރީ ބޭނުންތަކަށް އިސްކަންދިނުމުގެ ގޮތުންނެވެ.
މިހާރު ބައެއް ވެބްސައިޓްތަކުން ވިޔަފާރިކުރެވެނީ ކަނޑައެޅިފައިވާ ދުވަހު ބަޖެޓެއްގެ ތެރެއިން ކަމަށްވިޔަސް، ބޭރުގައި ކިޔަވާ ދަރިވަރުންނާއި ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހެއްދުމަށް ތިން މަސް ދުވަހުގެ ފުރުސަތެއް ދީފައިވާއިރު، އެ މުއްދަތުގައި ބެލެނިވެރިންގެ ކާޑު ބޭނުންކުރެވޭނެއެވެ.