ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭން ބޭރަށް ކުރެއްވި ފަސް ދަތުރުފުޅަކަށް ހަރަދުވި ފައިސާގެ ތަފްސީލު ސަރުކާރުން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރްޓީއައި) ދަށުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ރައީސް އޮފީހަށް ޖުމްލަ 288 އާރްޓީއައި ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 233 ހުށަހެޅުމަކަށް މިހާތަނަށް ޖަވާބުދީފައިވާ އިރު، ބާކީ ހުރި ކަންކަމުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ހާއްސަ ޝައުގުވެރިކަމެއް ހުރި ދާއިރާއަކަށް ވާތީ، ރައީސް މުއިއްޒު ކުރެއްވި ބައެއް ދަތުރުފުޅުތަކުގެ ހަރަދުތައް މުންދު ވަނީ ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން ހާމަކުރެއްވި ދަތުރުފުޅުތަކާއި ހަރަދުތަކަކީ:
- މެލޭޝިއާ ދަތުރުފުޅު (27 އެޕްރީލް 2025): 245,170 ރުފިޔާ
- ސިންގަޕޫރު ދަތުރުފުޅު (29 ޖޫން 2025): 2.272 މިލިއަން ރުފިޔާ
- އިނގިރޭސިވިލާތުގެ ދަތުރުފުޅު (15 ޖުލައި 2025): 1.571 މިލިއަން ރުފިޔާ
- ގަތަރުގެ ދޯހާ ދަތުރުފުޅު (14 ސެޕްޓެމްބަރު 2025): 570,971 ރުފިޔާ
- އިނގިރޭސިވިލާތުގެ ދެވަނަ ދަތުރުފުޅު (29 ނޮވެމްބަރު 2025): 807,411 ރުފިޔާ ވަނީ ޚަރަދުވެފައެވެ.
މުންދު އިތުރަށް ވިދާޅުވީ، ދަތުރުފުޅުތަކުގެ ހަރަދުތަކަކީ ނޫސްވެރިން ވަގުތުން ބޭނުންވި ނަމަވެސް، އެކި އިދާރާތަކުން ތަފްސީލުތައް އެއްކުރަން ޖެހޭތީ ވަގުތުން ދެވޭ މައުލޫމާތެއް ނޫން ކަމަށެވެ. އެހެންކަމުން ބައެއް މައުލޫމާތު ދިނުމުގައި ލަސްތަކެއް ކުރިމަތިވި ނަމަވެސް، ތަފްސީލުތައް ލިބެމުންދާ ވަރަކަށް އެކަންކަން ހާމަކުރަމުން ގެންދަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.