MTCC

މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ މަހު ނިންމަނީ

672af575-29e9-46b2-81c0-2984d2724c69

މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ މަހު ނިންމަނީ

SHARE

ދިވެހި މީޑިއާތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ "މީޑިއާ ވިލެޖު"ގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް މިކަން ހާމަކުރެއްވީ ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ބައްދަލުވުމުގައެވެ. ތަރުޖަމާނު ވިދާޅުވީ، ކަމާގުޅޭ ވުޒާރާއިން ދެއްވާފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، މިހާރު ކުރިއަށްދަނީ މަސައްކަތުގެ އެންމެ ފަހު މަރުހަލާ ކަމަށާއި، އަންނަ މަހުގެ ނިޔަލަށް އިމާރާތުގެ މަސައްކަތްތައް ނިމޭނެ ކަމަށެވެ.

މީޑިއާ ވިލެޖަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ އިމާރާތްތަކުގައި ބޮޑު ކުލި ދައްކައިގެން އޮފީސްތަކާއި ސްޓޫޑިއޯތައް ހިންގަން މީޑިއާތަކަށް ޖެހިފައިވާ ޖެހުމަށް ނިމުމެއް ގެނެސް، ހެޔޮ އަގުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމެވެ.

"އެ ބޭފުޅުން ދެއްވި މައުލޫމާތަކީ މިހާރު މިއޮތީ މެއި މަސް، ޖޫން މަހުގެ ނިޔަލަށް އެެއްކޮށް ނިންމޭނެ ކަމަށް. މިހާރު މަސައްކަތް ނިމުމާ ކައިރިވެފައި އޮތްކަމަށް އެހެން ނަމަވެސް އެންމެ ލަސްވެގެންވެސް ޖޫން މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް.،" ތަރުޖަމާނު ވިދާޅުވިއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި، ކުރިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ފަށާފައިވާ އިމާރާތުގައި ހަދާ މި މީޑިއާ ވިލެޖުގައި ޖުމްލަ 34 ޖާގަ ހިމެނެއެވެ. "މަންހަޓަން ގްރޭންޑް" ގެ ނަމުގައި ތަރައްޤީކުރާ މި އިމާރާތުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.

ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތް ބަލަހައްޓާ ވުޒާރާއަށް ބަދަލުތަކެއް އައި ނަމަވެސް، މަޝްރޫޢުގެ ދުވެއްޔަށް އެއްވެސް މަޑުޖެހުމެއް އައިސްފައެއް ނުވެއެވެ. އަދި މިއަހަރުގެ މެދުތެރޭގައި މީޑިއާތަކަށް މިތަނުން ޖާގަ ދޫކުރަން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މި އިމާރާތުގައި މީޑިއާ ވިލެޖުގެ އިތުރުން ޒުވާނުންގެ މަރުކަޒަކާއި، މެޑިކަލް ކޮލެޖަކާއި، ތަރިކަ ކޮލެޖެއް ވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މީޑިއާތަކަށް މާލީގޮތުން ލުއިފަސޭހަކަން ހޯދައިދިނުމަށް ސަރުކާރުން އަޅާ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.