ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކަށް، އެ ތަންތަނަށް ރަށްވެހިކަން ބަދަލުކުރުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އެ ކޯޕަރޭޝަންގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފިއެވެ.
މިކަމާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ރޯޑް މެޕާ އެއްގޮތަށް، އެއްވެސް ފިޒިކަލް ލިޔެކިޔުމެއް ހުށަހަޅަން ނުޖެހޭ ގޮތަށް އޮންލައިންކޮށް ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ހުރިހާ ލިޔެކިޔުމެއް މިހާރު ޕޯޓަލް އިން ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ފްލެޓަށް ރަށްވެހިކަން ބަދަލުކުރުމުގައި އިދާރީ އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
ޝަކީލް އިތުރަށް ވިދާޅުވީ، ފްލެޓު ލިބިފައިވާ މީހުންގެ ރަށްވެހިކަން ބަދަލުކުރުމަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތަކާ ގުޅޭގޮތުން ވޭތުވެދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ސިޓީ ކައުންސިލާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގައި ދިރިއުޅޭ މީހުން މާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީވުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް މިއަދު ވެސް ސިޓީ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން މާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީވުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި އެފްޑީސީން ފްލެޓްތައް ހަވާލުކުރާއިރު ހަދާ އެއްބަސްވުމަކީ "ރެންޓް ޓު އޯން" މޮޑެލްގެ އެއްބަސްވުމަކަށް ވީ ނަމަވެސް، އެއީ ރަށްވެހި ނުވެވޭނެ ސަބަބެއް ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މާލޭ ސިޓީ ކައުންސިލުން އެފަދަ ލިޔުމެއް އޮވެގެން ރަށްވެހި ނުވެވޭނެ ކަމަށް ބުނާ ބުނުމަކީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާވެގެން ދައްކާ ވާހަކައެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށެވެ. އެގޮތުން އެފްޑީސީން މި ގެނައި ބަދަލަކީ ފްލެޓުތަކުގެ ވެރިންނަށް ކުރިމަތިވެފައިވާ އިދާރީ ދަތިތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.