އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމާއި ސައިބާ ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި މުހިންމު ދެ ބިލެއް ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
ބަންޑާރަ ނައިބު އަހްމަދު އުޝާމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ހުށަހެޅުމަށް ގަސްތުކުރާ މުހިންމު ބިލްތަކެއްގެ މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން، ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލު ނުވަތަ 'ޑޭޓާ ޕްރޮޓެކްޝަން ބިލު' ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި މަޖިލީހަށް ފޮނުވާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
"މިއީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ހާމަކަން ބޮޑު، ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެ މައުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާ މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅާ، އެ ފަރާތްތައް ރެގިއުލޭޓުކުރުމާ ބެހޭ އުސޫލުތައް ކަނޑައަޅާނެ ބިލެއް، ގާނޫނެއް،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.
މި ބިލުގެ މައިގަނޑު މަގްސަދަކީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމެވެ. އަދި ހާމަކަން ބޮޑު، ޖަވާބުދާރީކުރުވޭނެ ނިޒާމެއްގެ ތެރެއިން އެފަދަ މައުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ގާއިމްކުރުމަކީ ވެސް މި ބިލުގެ މަގްސަދެކެވެ. މީގެ އިތުރުން، ޒާތީ މައުލޫމާތު ނިސްބަތްވާ ފަރާތްތަކުގެ ހައްގުތަކާއި، އެ މައުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް މި ބިލުގެ ދަށުން ސާފުކޮށް ކަނޑައެޅިގެންދާނެއެވެ.
ބަންޑާރަ ނައިބު ފާހަގަކުރެއްވި ގޮތުގައި، މިއީ ބޭރުގެ ފަންނީ މާހިރުންގެ އެހީތެރިކަމާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ފުރިހަމަ ބައިވެރިވުމާއެކު ތައްޔާރުކޮށްފައިވާ ވަރަށް ފުރިހަމަ ބިލެކެވެ.
ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލުގެ އިތުރުން، "މޯލްޑިވްސް 2.0″ ގެ ދަށުން އިތުރު ތިން ބިލެއް ހުށަހެޅުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ބިލަކީ ސައިބާ ސެކިއުރިޓީ ބިލެވެ. މި ބިލުގެ ދަށުން ރާއްޖޭގައި 'ސައިބާ ސެކިއުރިޓީ އެޖެންސީ' އެއް ގާއިމްކުރުމަށް ހުށަހަޅާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
އެ ބިލާއެކު މަޖިލިހުގެ މި ހިނގާ ދައުރަށް ޖުމްލަ 12 ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައިވާ ބިލުތަކުގެ ތަފްސީލު ހިއްސާކުރައްވައިފައެވެ.
ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލެއް ހުށަހަޅަން ސަރުކާރުން ނިންމާފައި މިވަނީ، އާންމުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މި ބިލުތައް މަޖިލީހަށް ހުށަހެޅުމުން، ރާއްޖޭގެ ޑިޖިޓަލް ނިޒާމުގެ ތެރޭގައި ރައްޔިތުންގެ މައުލޫމާތުތަކަށް އޮތް ރައްކާތެރިކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.