MTCC

އިންވެސްޓަރުންނަށް ފަހިވާނެހެން، އިންވެސްޓްމެންޓުތަކަށް ރާއްޖެ އޮތީ ހުޅުވާލެވިފައި: ރައީސް

ފޮޓޯ: ރައީސް އޮފީސް

އިންވެސްޓަރުންނަށް ފަހިވާނެހެން، އިންވެސްޓްމެންޓުތަކަށް ރާއްޖެ އޮތީ ހުޅުވާލެވިފައި: ރައީސް

SHARE

ދެމެހެއްޓެނިވި އިންވެސްޓްމެންޓުތަކަށް ރާއްޖެ ހުޅުވާލައި، ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭނެ ފަދަ ހަރަކާތްތެރި އިގުތިސާދެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގެ ކޮލަމްބޯގައި މިއަދު ފެށި "މޯލްޑިވްސް – ސްރީލަންކާ ބިޒްނަސް ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގިނަ އަދަދެއްގެ ލަންކާ އަދި ދިވެހި ވިޔަފާރިވެރިން ބައިވެރިވި މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއަކީ އިންވެސްޓަރުންނަށް އިތުބާރު ހުރި، ދެފުށް ފެންނަ މާހައުލަކަށް ހެދުމަށްޓަކައި 40 އަހަރުވީ ބައު އޮނިގަނޑު ދޫކޮށް، ޒަމާނީ ބޭރުގެ އިންވެސްޓްމަންޓް ގާނޫނެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އަދި އިންވެސްޓްމަންޓް އެންޓްރީ ރިކުއަޔަމަންޓްތަކަށް ގެނައި އިސްލާހުތަކާއެކު، ބޭރުގެ އިންވެސްޓަރުންނަށް ކަންކަން ލަފާކުރަން ފަސޭހަ މަގެއް ކޮށައިދީފައިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޤަވާއިދުތައް އިސްލާހުކޮށް އަޅުގަނޑުމެންގެ މުޢައްސަސާތައް ވަރުގަދަކުރުމަކީ އަޅުގަނޑުމެން މި ބައްޓަން ކުރަނީ ބައިނަލްއަޤްވާމީ ގޮތުން ވާދަވެރި އަދި ހުޅުވިފައިވާ އިޤްތިޞާދެއް. މިއީ އިންވެސްޓަރުންނަށް ޔަޤީންކަން ލިބި، އައު އިންވެސްޓްމެންޓް ކުރިއަރާނެ އިޤްތިޞާދެއް. މި އިސްލާހުތައް މިހާރުވެސް ދަނީ ނަތީޖާ ދައްކަމުން." ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ތަސައްވަރަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ހަމައެކަނި ހުވަފެނެއް ނޫން ކަމަށާއި، މިއީ ހާސިލުކުރެވޭނެ ލަނޑުދަނޑިއެއް ކަމަށެވެ. މި ތަރައްގީ ބިނާވާނީ ޓެކްނޮލޮޖީގެ ކުރިއެރުމާއި، ތިމާވެށީގެ ޒިންމާދާރުކަމުގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެން މިދަނީ އިންވެސްޓުމެންޓަށް ފަހިވާނެ، ވިޔަފާރިތަކަށް ރަހުމަތްތެރި މާހައުލެއް ގާއިމުކުރުމަށް މަސައްކަތްކުރަމުން. އަޅުގަނޑުމެން ވާނީ 40 އަހަރުވެފައިވާ އޮނިގަނޑުގެ ބަދަލުގައި ޒަމާނީ ބޭރުގެ އިންވެސްޓްމަންޓް ގާނޫނެއް ތައާރަފުކޮށް، ބޭރުގެ އިންވެސްޓަރުންނަށް ސާފު، ލަފާކުރެވޭނެ ގޮތާއި، ދެފުށް ފެންނަ ގޮތް ގެނެސްދިނުމަށްޓަކައި ބޭރުގެ އިންވެސްޓްމަންޓް އެންޓްރީ ރިކުއަޔަމަންޓްތައް އިޞްލާޙުކޮށްފައި،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ގޫގުލްއިން ރާއްޖޭގައި ކުރިއަށްގެންދާ "ދިޔަވަރު" މަޝްރޫއުގެ މިސާލު ދައްކަވަމުން ވިދާޅުވީ، މިފަދަ ބޮޑެތި މަޝްރޫއުތަކުން ހާމަވަނީ ބައިނަލްއަގުވާމީ ކުންފުނިތަކުން ރާއްޖޭގެ އިގުތިސާދަށް ކުރާ އިތުބާރު ކަމަށެވެ. މީގެ އިތުރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް ގެނައި އިސްލާހުތަކާއެކު ދެމެހެއްޓެނިވި ޓައުންޝިޕްތަކަށް ފުރުސަތު ހުޅުވާލުމަކީ އިގުތިސާދު އާ ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ.

ލަންކާގެ ވިޔަފާރިވެރިންނަށް މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާގައި ލަންކާގެ ކުންފުނިތަކުން އަދާކުރާ ދައުރު ބޮޑު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޑިޖިޓަލް ފަންނުވެރިކަމާއި، އީޖާދީ މަސައްކަތްތަކުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރައީސް ދައުވަތު އެރުވިއެވެ.

ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކަށް ވެސް ލަންކާގައި ފުރުސަތުތައް ފަހިވެފައި އޮތުމަކީ އުންމީދެއް ކަމަށާއި، ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުން އިންޑިއާ ކަނޑުގެ ސަރަހައްދަކީ ވިލުންތެރި އަދި ފާގަތި ތަނަކަށް ހެދޭނެ ކަމަށެވެ.