MTCC

ދެޤައުމުގެ އެއްބަސްވުންތައް ތަންފީޒުކޮށް، ނަތީޖާ ނެރެދިނުމަކީ އަމާޒެއް: ރައީސް

ފޮޓޯ: ރައީސް އޮފީސް

ދެޤައުމުގެ އެއްބަސްވުންތައް ތަންފީޒުކޮށް، ނަތީޖާ ނެރެދިނުމަކީ އަމާޒެއް: ރައީސް

SHARE

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ވެފައިވާ އެއްބަސްވުންތައް ހަގީގަތަކަށް ހަދައި، އޭގެ ފައިދާ ދެ ޤައުމުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަގެ ދައުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަފުޅުތަކަށްފަހު ލަންކާގެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އެ ދަތުރުފުޅަކީ ރާއްޖެއާއި ލަންކާގެ ގުޅުމުގެ އާ ބާބެއްގެ ފެށުން ކަމަށެވެ. އަދި ލަންކާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރި، އިންވެސްޓްމަންޓް، ސިއްހީ، ދިފާއީ، ތައުލީމީ، އަދި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒު ވަރަށް ސާފު. ބޭނުންވަނީ ނަތީޖާ ނެރެދިނުމާއި އެއްބަސްވުންތައް ތަންފީޒުކޮށްދިނުން. މި އެއްބަސްވުންތަކުގެ ސަބަބުން ރައްޔިތުންނަށް ހަގީގީ ފައިދާއެއް ހޯދައިދޭން ބޭނުންވަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްގޮތަށް ޒުވާނުން ތައުލީމީ ގޮތުންނާއި ހުނަރުގެ ގޮތުން ކުރިއެރުވުމަކީ މުހިންމު ކަމެކެވެ. އަދި އެކަމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރެއްވިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އިޤްތިޞާދީ ގުޅުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި އިންވެސްޓަރުންނާ ރަހުމަތްތެރި ވެއްޓެއް ގާއިމުކޮށް، ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވާލުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް" އަކީ ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އުފެއްދުންތެރިން ގުޅުވައިދޭނެ މުހިންމު މަގަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުންތަކުގައި ކުރެވުނު އެހެން މުހިންމު މަޝްވަރާތަކުގެ ތެރޭގައި، ލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް ހުޅުވުމާއި، ލަންކާގެ މާކެޓަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ތައާރަފުކުރުން ހިމެނެއެވެ. މީގެ އިތުރުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.

"ގުޅިގެން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނީ ހަގީގީ ނަތީޖާ ނެރެ ދިނުމަށާއި އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އެހީތެރިވުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މުހިންމު ހަތް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި މަތީ ތައުލީމާއި، ސިއްހީ ދާއިރާއާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާގެ އިތުރުން އަރުޝީފުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.