MTCC

ޖޫން އިން ސެޕްޓެމްބަރުގައި އާންމުކޮށް ވެހޭ ވަރަށް ވުރެ ބޯކޮށް ވާރޭވެހޭނެ: މެޓް

IMG_8792-780x470

ޖޫން އިން ސެޕްޓެމްބަރުގައި އާންމުކޮށް ވެހޭ ވަރަށް ވުރެ ބޯކޮށް ވާރޭވެހޭނެ: މެޓް

SHARE

ކުރިއަށް އޮތް ހަތަރު މަސް ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވެހޭ މިންވަރަށް ވުރެ ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން  އާންމުކުރި "ސީޒަނަލް ފޯކާސްޓް" ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ބޮޑުވި ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް ވެހޭ މިންވަރަށް ވުރެ މަދުންނެވެ. މިއީ ހުޅަނގު މޫސުމުގެ އަސަރު ގަދަވުމާއެކު، އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަ އިތުރުވާނެ ދުވަސްވަރެކެވެ.

ވިއްސާރަ ބޮޑުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މި ހަތަރު މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން ހުންނާނީ އާންމު މިންވަރަށް ވުރެ މަތީގައި ކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން ދުވާލުގެ އެންމެ މަތީ ފިނިހޫނުމިނާއި ރޭގަނޑުގެ އެންމެ ދަށް ފިނިހޫނުމިންވެސް އާންމު މިންގަނޑަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ވާރޭވެހުނު ކަމުގައިވިޔަސް ވައިގެ ތެރޭގައި ހޫނުމިން ގަދަވާނެ ކަމަށް ބެލެވެއެވެ.

މެޓް އޮފީހުން އިތުރަށް ހާމަކުރި ގޮތުގައި، މި ލަފާކުރުންތަކަކީ ބައިނަލްއަޤުވާމީ މޫސުމީ މޮޑެލްތަކާއި ރާއްޖޭގެ ތާރީޚީ ތަފާސްހިސާބުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އަންދާޒާތަކެކެވެ. ރާއްޖެއަށް މިހާރު ހުޅަނގު މޫސުން ފެށިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވެ، ކަނޑުދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވެދާނެ ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

މި ދުވަސްވަރަކީ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުން ފެށޭ، ނުވަތަ ދިވެހިން ކިޔާ އުޅޭ ގޮތުން ނަމަ "ދެ މޫސުން ބެދޭ" ދުވަސްވަރެވެ.ދެ މޫސުން ބެދޭއިރު އާންމުކޮށް ވައިގެ މިސްރާބު ބަދަލުވެ، ބޯކޮށް ވާރޭވެހުމާއި ގުގުރުން އިތުރުވެއެވެ. ހުޅަނގު މޫސުމުގެ އަސަރު ގަދަވާން ފެށުމުން، ވައި ގަދަވެ ކަނޑުތައް ގަދަވާން ފަށާނެއެވެ. ޚާއްޞަކޮށް ވިލާގަނޑުގައި ވައި ވަރަށް ބާރުވާނެއެވެ.މި ދުވަސްވަރަކީ މޫސުން ކުއްލިއަކަށް ގޯސްވެދާނެ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުފަތުރު ކުރާއިރު މޫސުމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ.