ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކަގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. މީގެއިތުރުން،ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރެވޭނެ އައު މަގުތައް ހޯދުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ އިސްވެރިންނާއި އެކު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
.އަދި ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހުރިއްޔާ މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ހަމަމިއާއެކު، މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށެވެ. . މި ދަތުރުފުޅަކީ 2025 ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 1965 ޖުލައި 26 ގައެވެ.