MTCC

ތެދުވެރި ނޫސްވެރިކަމަށް ރައްކާތެރި ވެށްޓެއް ގާއިމްކުރަން ޖެހޭ: ރައީސް

Raees Dr

ތެދުވެރި ނޫސްވެރިކަމަށް ރައްކާތެރި ވެށްޓެއް ގާއިމްކުރަން ޖެހޭ: ރައީސް

SHARE

ދެފުށް ފެންނަ، ޒިންމާދާރު ވެށްޓެއް ބިނާކުރުމަށާއި ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުން ކަމުގައި ރައީސް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ. މި ޚިޠާބުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ، ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް، ޚާއްޞަކޮށް ހީވާގި ދިވެހި ނޫސްވެރިންނަށް އަރިސްކުރެއްވިއެވެ.

ދައުލަތުގެ ބާރުތައް ގުޅުވައިދޭ 'ހަތަރުވަނަ ބާރު’ގެ ގޮތުގައި މީޑިއާ އޮތްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑިމޮކްރެޓިކް ހަމަތަކާއި ހާމަކަންބޮޑު ނިޒާމެއް ކަށަވަރުކުރުމަށް ޒިންމާދާރު ނޫސްވެރިކަން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި ފުޅާ ދާއިރާއެއްގައި ފުރުޞަތު ދީފައިވާ ކަމެއް ނަމަވެސް، އެކަމުގައި ހިފަހައްޓަންޖެހޭ އިންތަކެއްވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އަޚުލާޤީ މިންގަނޑުތަކަށް ބޯލެނބުމާއި، މުޖުތަމަޢުގެ މަޞްލަޙަތާއި، އިންސާނީ އަބުރަށް ރައްކާތެރިވުމަށް ދީނުގައި ބާރުއަޅާފައިވާކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.

ދުނިޔޭގެ ކުރިއެރުންތަކާއެކު ނޫސްވެރިކަމަށް އަންނަ ބަދަލުތަކަށް އަލިއަޅުއްވާލައްވައި، ރައީސް ވިދާޅުވީ ސަރުކާރުގެ 'މޯލްޑިވްސް 2.0′ ތަޞައްވުރުގެ ތެރެއިން، ޒަމާނީ ޓެކްނޮލޮޖީއާއެކު ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ފަހި އަދި އުންމީދީ މުސްތަޤުބަލެއް ފަހިވެގެންދާނެ ކަމަށެވެ.

ނޫސްވެރިކަމަކީ އާމްދަނީ ލިބޭ، އަބުރުވެރި ދިރިއުޅުމެއް ބިނާކުރެވޭނެ ދާއިރާއަކަށް ހައްދަވާނެ ކަމުގެ އުންމީދު ދެއްވަމުން ރައީސް ވިދާޅުވީ، މީޑިއާގެ ޢިލްމީ ޖީލެއް ބިނާކޮށް، ކުރީގެ ސަރުކާރުތަކުން ނުދޭ ފަދަ ޚާއްޞަ ސަމާލުކަމަކާއެކު ނޫސްވެރިކަމުގެ ވަޢުދުތައް ފުއްދަވަމުން ގެންދަވާނެ ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މިއަދަކީ ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުތަކާ މެދު ފުންކޮށް ވިސްނައި، އެ އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ.