MTCC

ގަޒުފްގެ މައްސަލަ ބަލަނީ ޕީޖީގެ އެންގުމަކަށް: ތަރުޖަމާނު

672af575-29e9-46b2-81c0-2984d2724c69

ގަޒުފްގެ މައްސަލަ ބަލަނީ ޕީޖީގެ އެންގުމަކަށް: ތަރުޖަމާނު

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް "އަދަދު" ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމަންޓަރީއާ ގުޅިގެން ހިންގާ ގަޒުފްގެ މައްސަލައިގެ ތަހުގީގަކީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިގެން ކުރިއަށްގެންދާ ތަހުގީގެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި މައްސަލައަކީ ރައީސް މުއިއްޒު އަމިއްލަފުޅަށް އިސްނަންގަވައިގެން ނުވަތަ ޝަކުވާއެއް ހުށަހަޅުއްވައިގެން ހިންގާ ތަހުގީގެއް ނޫން ކަމަަށެވެ.

"ރާއްޖޭގެ ގާނޫނުއަސާސީން ތިބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވަރަށް ފުރިހަމަ އިހްތިޔާރުތަކެއް އެބަ އޮވޭ އެއީ ނޫސްވެރިކަމަކީ އަސާސީ ހައްގެއް. ނަމަވެސް އެ ހައްގުތައް އޮންނަނީ. އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން އަސާސްތަކުގެ ތެރެއިންނޭ އެކަން ކުރަންވަނީ. އެހެންވީމާ އެ އިންފާރު ހުރަސްކުރެވިފައޭ މި އޮތީ އެއީ އެ ކުރާ އިންވެސްޓިގޭޝަނަކީ"

މީގެއިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމަކީ އޮންނަންޖެހޭނެ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމެއް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.ނަމަވެސް، އެ މިނިވަންކަމަކީ މީހުންގެ އަބުރަށް އަރައިގަތުމަށް ލިބޭ ހުއްދައެއް ނޫން ކަމަށާއި، ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް ދޮގު އިލްޒާމުތައް އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައަކީ އާންމު މަސްލަހަތާ ގުޅުންހުރި ކަމަކަށްވާތީ، ޕީޖީ އޮފީހުން މިކަން ތަހުގީގުކުރަން އަންގާފައިވަނީ ގާނޫނީ ޒިންމާގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.  ނޫސްވެރިކަމަކީ މާތް ފަންނެއް ކަމަށާއި، އެކަން ކުރަންވާނީ ޒިންމާދާރުކަމާއެކު ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި ދޮގު މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމެއް ނޫން ކަމަށާއި، އެއީ ފިތުނަ އުފެއްދުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ހަމަމިއާއެކު،ދޮގު ޚަބަރު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަމުންދާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. މި ތަހުގީގަކީ ސަރުކާރުން ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ ސިޔާސީ ކަމެއް ނޫން ކަމަށާއި، މިއީ މުއައްސަސާތަކުން މިނިވަންކަމާއެކު ކުރާ މަސައްކަތެއް ކަމުގެ ޔަގީންކަން ތަރުޖަމާނު ދެއްވިއެވެ.

މައްސަލަ ފެންމަތިވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ކަންކަމާ ގުޅުވައި، އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް 'އަދަދު' ނޫހުން 'އައިޝާ' ގެ ނަމުގައި ތައްޔާރުކޮށް އާންމުކުރި ޑޮކިއުމަންޓަރީއަކާ ގުޅިގެންނެވެ. އެ ވީޑިއޯ ރިޕޯޓުގައި ރައީސްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި މައްސަލައިގައި ފުލުހުން ވަނީ 'އަދަދު' ނޫހުގެ އޮފީސް ބަލައި ފާސްކޮށް، ބައެއް ނޫސްވެރިންގެ ޕާސްޕޯޓް ހިފަހައްޓައި، ގަޒުފްގެ ކުށުގެ ތަހުގީގު ފުޅާދާއިރާއެއްގައި ފަށާފައެވެ.