ނޭޝަނަލް ފިއުލް ސްޓޯރޭޖު ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސް ޑރ މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ވަޒީރުންގެ ކޮމެޓީއިން އިން ބުނެފިއެވެ.
އެ ކޮމެޓީން ނޫސްވެރިންނާ ބައްދަަލުކުރައްވައި ބުނީ، މެދުއިރުމަތީގެ މަޝްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނޭޝަނަލް ފިއުލް ސްޓޯރޭޖު ނުވަތަ ޤައުމީ ތެޔޮ ރިޒާވް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެެވެ.
މާލެ ސަރަޙައްދުގެ ދެ ފަޅެއް ތެޔޮ ރިޒާވް ޤާއިމުކުރުމަށް ބޭނުންކުރެވިދާނެތޯ ބެލުމުގެ ސަރވޭގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ. މާލެ ސަރަޙައްދުގައި ތެޔޮ ރައްކާކުރާނެ ރިޒާވްއެއް ޤާއިމުކުރުމަށްޓަކައި، ފިނޭންސް މިނިސްޓަރު އިޝާރާތްކުރެއްވި ދެ ފަޅަކީ، ގިރާވަރުފަޅު އަދި ތިލަފުށި ފަޅެވެ. މި ދެ ފަޅުގެ ތެރެއިން އެންމެ އެކަށީގެންވާ ތަނެއް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ޓެކްނިކަލް ސަރވޭތަކާއި ފީސިބިލިޓީ ދިރާސާތައް މި ހަފުތާގެ ތެރޭގައި ފެށިގެންދާނެ ކަމަށް މިނިސްޓަރު ވަނީ މައުލޫމާތު ދީފައެވެ.
އަމާޒަކީ ކުރިއަށް އޮތް 2 ހަފުތާގެ ތެރޭގައި މިކަން ނިންމައި، ތަފްސީލީ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.މިފަދަ ތެލުގެ ރިޒާވެއް ރާއްޖޭގައި ގާއިމުކުރުމާ މެދު ބިނާކުރަނިވި ފާޑުކިޔުންތަކެއްވެސް ލިބިވަޑައިގެންފައިވާއިރު، އެކަންކަމަށް މަރްޙަބާ ވިދާޅުވާ ކަމަށާ، އުފެދިފައިވާ ސުވާލުތަކަށް، ފީސިބިލިޓީ ސްޓަޑީގެ ތެރެއިން ޖަވާބުތަކެއް ލިބޭނެކަންވެސް މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައިވާ އެންމެ އަސާސީ ބާވަތަކީ ތެޔޮ ކަމުގައި ވާ ހިނދު، ދިވެހިރާއްޖެއަށް ބޭނުންވާ ތެލުގެ ސަޕްލައި ކަށަވަރުކުރުމުގައި މިވަގުތު އެއްވެސް ކަންބޮޑުވުމެއް ނެތްކަމުގެ ޔަޤީންކަން، އެ ކޮމެޓީއިން ވަނީ ދީފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަނގުރާމައިގެ ކުއްލި ހާލަތަކަށް ދާންޖެހިއްޖެ ދަނޑިވަޅެއްގައި، ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ރިޢާޔަތްކުރައްވައި، ޚާރިޖީ ސިޔާސަތުގެ ދަށުންވެސް ގިނަގުނަ މަސައްކަތްތަކެއް، ކޮންމެ ދުވަހަކުވެސް ކުރައްވަމުން ގެންދަވާކަމުގެ ޔަޤީންކަން، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ދެއްވާފައެވެ. ރުގެ ޤައުމުތަކާއި އެކި މުއައްސަސާތަކާއެކު ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދެވޭ ކަމަށާ، ހަނގުރާމައިގެ ހާލަތު ކޮންމެ ދުވަހަކުވެސް ބައްލަވައި، ކަމާ ގުޅުންހުރި ފަރާތްތަކާ އެ ތަފްސީލުތައް ހިއްސާކުރައްވާ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
މެދުއިރުމަތީގެ މަޝްރަޙަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެއް އަހަރު ދުވަހުގެ ތެޔޮ ރިޒާވެއް ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢު ސަރުކާރުން ވަނީ ފަށާފައެވެރައީސް މުއިއްޒު އުފެއްދެވި ހާއްސަ ވަޒީރުންގެ ކޮމެޓީގެ އިރުޝާދުގެ ދަށުން، މާލެ ސަރަޙައްދުގެ ދެ ފަޅެއް ސަރވޭކުރުމުގެ މަސައްކަތް މި ހަފުތާގައި ފެށިގެންދާއިރު، މިއީ ބޭރުގެ ނުފޫޒުތަކުން އިޤްތިޞާދު ސަލާމަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތެލުގެ ސަޕްލައި ކަށަވަރުކުރުމަށް އެޅޭ ވަރުގަދަ ފިޔަވަޅެކެވެ. މި މަޝްރޫޢުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކުން ރައްޔިތުންނަށް ލިބޭ ތަކުލީފުތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.