ރާއްޖޭގެ ބާޒާރުގައި މުދާ ހުސްނުވެ ލިބޭނެކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އަންނަ ހަފްތާގެ ތެރޭގައި 2500 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ރާއްޖެއަށް ގެނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ދުނިޔޭގެ ޝިޕިން ރޫޓުތަކަށް އަންނަ ބަދަލުތަކާއެކު ރާއްޖެއަށް މުދާ ގެނައުމުގައި ހުރި ގޮންޖެހުންތައް ކުޑަކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި މަސައްކަތްތަކުގެ ސަބަބުން މުދާ ގެނައުމުގައި ދިމާވާ ލޯޑު ކުޑަކުރެވި، މުދާ ލިބުން އަވަސްވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ،ސްރީލަންކާގައި މަޑުޖެހިފައި ހުރި 2500 އަށްވުރެ ގިނަ ކޮންޓެއިނަރު އަންނަ ހަފުތާގެ ތެރޭގައި ރާއްޖެއަށް ވަންނާނެ ކަމަށެވެ.
"ކުރިއަށް އޮތް ހަފުތާގައި އަޅުގަނޑުމެންނަށް އެމްޕީއެލްއިން މަޢުލޫމާތު ދެއްވާ ގޮތުގައި 2500އަށްވުރެ ގިނަ ކޮންޓައިނަރގެ ތަކެތި 3 ވެސެލްއިން ދިވެހިރާއްޖެއަށް ގެންނާނެ"
އެގޮތުން މިއަހަރުގެ މިހާތަނަށް އެތެރެކުރި މުދަލުގެ އަދަދު 19 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ މަސްލަހަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް ކުރާ ނޭދޭވޭ އަސަރުތައް ކުޑަކޮށް، މުދާ ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ދެމެެހެއްޓުމެވެ.
މެދުއިރުމަތީގެ ނުތަނަވަސްކަމުގެ ސަބަބުން ކަނޑުދަތުރުފަތުރުގެ މަގުތަކަށް ބަދަލު އައުމާ ގުޅިގެން، ރާއްޖެއަށް މުދާ އެތެރެކުރުމުގެ ޚަރަދު ބޮޑުވެ، ބައެއް ޒަރޫރީ ތަކެތި ލިބުމުގައި ލަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގުތައް އުފުލި، އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
މި ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ނޭދޭވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ މަސްލަހަތު ހުރި ގޮތްތައް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.