އެކާވީސް ދުވަހުގެ ތެރޭގައި، މި ސަރުކާރުން، ޖުމުލަ 924 މިލިޔަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ، މި ހިނގާ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ދެއްކި 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ދައްކާފައިވާނީ، ޤައުމަށް ޑީފޯލްޓެއް ކުރިމަތިވިޔަ ނުދީ، ހަރުމުދަލެއް ވިއްކާނުލައި، ރަހުނެއް ދޫކޮށްނުލައި ކަމަށެވެ. އަދި ދަރަނި ދައްކާފައިވަނީ، ބަދަލުގައި ކުރިން ރަހުނުކޮށްފައިހުރި ތަންތަން ސަލާމަތްކުރައްވައިގެންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ،މި ދަނޑިވަޅުގައި ސަރުކާރުން އަދާކުރަނީ ބޭރުގެ ދަރަނި އެކަނި ނޫންކަމަށާއި، ސަރުކާރުން ވެންޑަރުންނަށް ދައްކަން ހުރި ފައިސާ ދައްކަމުން، އެތެރޭގެ ދަރަނިވެސް އަދާކުރަމުން ކަމަށެވެ. އެގޮތުން ނިމިދިޔަ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މި ހިނގާ އެޕްރީލްމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، އެކި އެކި ލޯކަލް ވެންޑަރުންނަށް ދައްކަން ޖެހިފައި ހުރި 3300 މިލިޔަން ރުފިޔާގެ ބިލުތަކަށް ވާ ފައިސާ ދައްކާ ޚަލާޞްކުރެވިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި މަހުގެ ބާކީ މި އޮތް ދުވަސްކޮޅުގައިވެސް، ލޯކަލް ވެންޑަރުންނަށް ދޭންޖެހޭ އިތުރު 260 މިލިޔަން ރުފިޔާގެ ބިލަށް ވާ ފައިސާ ދެއްކުމަށް ނިންމަވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަމިއާއެކު، ބޭރާއި އެތެރޭގެ ދަރަނިތަކުން ޤައުމު ސަލާމަތްކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަނީ، ޤައުމުގެ އިޤްތިޞާދު ހަރުދަނާކޮށް، ރައްޔިތުންނަށް ގެއްލުމެއް ނުލިބޭނޭކަން ކަށަވަރުކުރައްވަމުންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މަހަކަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި 924.68 މިިލިއަން ޑޮލަރު (ގާތްގަނޑަކަށް 14.1 ބިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ދައްކާފައިވާއިރު،މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގައި ދެއްކި އެންމެ ބޮޑު ދަރަންޏެވެ.