މިނިސްޓަރުން ވަކިކުރީ، އެބޭފުޅުންގެ ޕާރފޯމެންސް ދަށްވެގެން ނޫން ކަމަށާއި، އެއީ ހަރަދުކުޑަކުރުމުގެ ގޮތުން، ސަރުކާރުގެ ތިބި ސިޔާސީ މުވައްޒަފުން މަދުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެޅުއްވި ފިޔަވަޅެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މިނިސްޓްރީތައް މަދުކުރީ، ބައެއް މިނިސްޓްރީތައް އެއްކޮށްލައި، މިނިސްޓްރީގެ ޒިންމާތައް އިތުރުކޮށްގެން ކަމަށެވެ.
"މުވައްޒަފުންގެ އަދަދު މަދުކުރުމާއި އަދި ހަރަދު ކުޑަކުރުމުގެ މަސައްކަތްވެސް ވަރަށް ހަރުކަށިކަމާއެކު ތަންފީޒުކުރާނެ. އޭގެން ފުރަތަމަ ފިޔަވަޅު އެއީ ވުޒާރާތައް މަދުކޮށް ވަޒީރުންގެ މަސްއޫލިއްޔަތުތައް އިތުރުކުރުމަކީ. ސިޔާސީ މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތް ދަނީ ކުރިއަށް."
މީގެއިތުރުން، ރައީސް ވިދާޅުވީ، އިދާރީ މަސައްކަތްތައް ނިމޭއިރު، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށެވެ. އަދި މިކަމުގެ ތަފްސީލުތައް އެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް ހާމަކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރަށް ގެންނަމުންދާ ބަދަލުތަކާއެކު، ބައެއް މަގާމުތަކަށް އަދި ބޭފުޅުން އައްޔަނުކުރެވިފައި ނުވާ ކަމަށެވެ. އޭގެތެރޭގައި ސަފީރުންގެ މަގާމުތައް ހިމެނޭ ކަމަށާއި، އެ މަގާމުތަކަކީ އަލަށް އުފައްދާފައިވާ މަގާމުތައް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ މަގާމުތަކަކީ، ހުސްވެފައި ހުރި ނުވަތަ އައްޔަނުކުރަންވެފައި ހުރި މަގާމުތައް ކަމަށެވެ.
ސަރުކާރުގެ ސައިޒު ކުޑަކުރުމަށް ސަރުކާރުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން މިހާރު ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މިގޮތުން އެންމެ ބޮޑު އެއް މަސައްކަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ނިންމި ނިންމުމެވެ. މީގެ އިތުރުން، ވަޒީފާއަށް މީހުން އައްޔަންކުރުމުގައި ތަޢުލީމީ ފެންވަރާއި ގާބިލިއްޔަތަށް ބަލައިގެން "މެރިޓް ބޭސްޑް" އުސޫލަކުން އަމަލުކުރުމަށާއި، ކުންފުނިތަކުގެ އިސްރާފުތައް ކުޑަކޮށް ހިންގުންތެރިކަން އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.