MTCC

މޭޔަރު އާޒިމަށް ދިން ހަމަލާ: ސަރުކާރާ އެެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން!

Adam-Azim-1024x683

މޭޔަރު އާޒިމަށް ދިން ހަމަލާ: ސަރުކާރާ އެެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން!

SHARE

އެމްޑީޕީ އިން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒަހަރާގެ ތެރެެއިން  މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރުން ރައީސް ޑރ މުހައްމަދު މުއިއްޒު، އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނީ، މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުވެފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫން ކަމަށެވެ،

މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް،  ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ އަރުއްވާފައެވެ.

މި ހާދިސާއާ ގުޅޭ ގޮތުން  ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން  މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، މި ހަމަލާއަކީ ސަރުކާރުން ކޮށްފައިވާ ކަމެއްކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވާކަމީ ހައިރާންވާކަމެއްކަމަށާއި އެއީ ކޮން ކަމެއްގެ މައްޗަށް ނުވަތަ، ކޮން ހެއްކަކާ ގަރީނާއެއްގެ މައްޗަށް  ބިނާކޮށް ވިދާޅުވި ވާހަކަފުޅެއްކަމެއް ހަމަ އެއްގޮތަކަށްވެސް އެނގިވަޑައިނުގަންނަވާކަމަށެވެ.

މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތްކަމެއް ނޫންކަމަށާއި، ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ  ޔަގީންކަން ތަރުޖަމާނު ވަނީ ދެއްވާފައެވެ. އޭގެ އިތުރުން، މޭޔަރު އާދަމް އާޒިމް އެވިދާޅުވީ ކަނޑައެޅިގެން ދޮގު ވާހަކައެއްކަމަށާއި، މިފަދަ ދޮގު ތުހުމަތުކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު، މި ހާދިސާ ހިނގާދިޔަފަހުން މިހާތަނާޖެހެންދެންވެސް އެއްވެސް ރަސްމީ ފަރާތަކުން، އެހެނީ އެމް.ޑީ.ޕީ.ގެ ފަރާތުންވެސް ނުވަތަ މާލެ ސިޓީ ކައުންސިލުންވެސް މިކަމުގެ  މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިނުވާތީ ހިތާމާކުރައްވާކަމަށ ތަރުޖަމާނު ވިދާޅުވިއެވެ. މުޖުތަމައުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައިވާ މުއައްސަސާއަކީ ފުލުހުން ކަމަށްވާއިރު، މިފަދަ ހާދިސާތައް އެ ފަރާތަށް ރިޕޯޓުނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހަކަށް ވުމުގެ އިތުރުން، އެއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ތަރުޖަމާނު ފާހަގަކުރައްވައެވެ.

ތަރުޖަމާނު ވިދާޅުވީ މީސް މީޑިއާއިން މި ހަމަލާގެ ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން އެބޭފުޅުން ދަނީ އަމިއްލަ އިސްނެންގެވުމުގެ މަތިން މި ތަހުގީގުކުރައްވަމުން ކަމަށެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރަކީ ދައުލަތުގައި އެ މަނިކުފާނުގެ ހައިސިއްޔަތުގެ ތެރެއިން، ދިވަޑައިގެންފިނަމަ ސެކިއުރިޓީ ލިބޭނެ ފަރާތެއް ކަމަށެވެ. އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަަށް ނުރައްކާ އޮތް މިންވަރު ބެލުމަށް ފުލުހުން އަބަދުވެސް ތްރެޓް އެސެސްމަންޓް ހައްދަވަމުންގެންދަވާކަމަށެވެ އަދި މިފަދައިން ހަދާ އެސެސްމަންޓަކުން އެއްވެސް ފަރާތަކަށް ނުރައްކަލެއް އޮތްކަމަށް ފާހަގަކުރެވިއްޖެނަމަ ފުލުހުން އިސްވެ އެބޭފުޅުންނަށް ސެކިއުރިޓީގެ ކަންކަން ހަމަޖައްސަވައިދެއްވާނެކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ޒާހަރާގެ ބައިވެރިން ބޮޑުރަސްގެފާނު މަގުން ހެންވޭރު ސަހަރާ ކައިރިން ހިނގާފައި ދަނިކޮށް، ދެ މީހަކު ކުއްލި ގޮތަކަށް މުޒާހަރާގެ ތެރެއަށް ވަދެ މޭޔަރަށް ހަމަލާދޭން މަސައްކަތް ކުރިއެވެ. އޭގެ ތެރެއިން އެކަކު ވަނީ މޭޔަރު އާޒިމްގެ މޭމަތީގައި ޖަހައި ކޮށްޕާލުމަށް މަސައްކަތް ކޮށްފައެވެ. އިތުރު އަނިޔާއެއް ވުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ އެ މީހުން ހިފަހައްޓާފައެވެ. މި ހާދިސާގައި މޭޔަރަށް ސީދާ ބޮޑު އަނިޔާއެއް ލިބުނު ކަމަކަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

ހަމަލާއަކީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް މޭޔަރު އާޒިމް ވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.